ސަރުކާރު ހިންގާ ޕީޕީއެމްއާ އެންމެ ފުރަތަމަ ކޯލިޝަން ހެދި ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް މަޖިލީހުގެ ނުވަ ގޮނޑިއަށް ވާދަ ކުރުމަށް ކޯލިޝަންގެ ޓިކެޓް ދިނުމަށް ނިންމައިފި އެވެ.

މަޖިލީހުގެ ނުވަ ގޮނޑިއަކަށް ވާދަ ކުރުމުގެ ފުރުސަތު ކޯލިޝަނުން އެމްޑީއޭއަށް ދިނުމުން، އެ ޕާޓީން ވަނީ ގޮނޑިތަކަށް ޕާޓީގެ ފަރާތުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އަދި އެކަކަށް ވުރެ ގިނައިން ގޮނޑިއަކަށް ޕާޓީގެ މެމްބަރުން ވާދަ ކުރާނަމަ އެ ގޮނޑިއެއްގެ ޕްރައިމަރީ ބާއްވާނެ އެވެ. ނަމަވެސް މަޖިލީހުގައި އެމްޑީއޭ ތަމްސީލު ކުރާ ދެ ގޮނޑި، މީދޫ ދާއިރާގެ ގޮނޑިއާއި ކުޑަހުވަދޫ ދާއިރާގެ ގޮނޑީގެ ޕްރައިމަރީއެއް ނުބާއްވަ އެވެ.

ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ ފަރާތުން މަޖިލީހަށް ހޮވިވައިވާ މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި އޮޓަމެޓިކުން އެ ގޮނޑިއަށް ޕާޓީގެ ފަރާތުން ވާދަ ކުރެވޭނެ އެވެ.

ކޯލިޝަންގެ ޓިކެޓުގައި އެމްޑީއޭ އިން ނުކުންނަނީ ދ. ކުޑަހުވަދޫ ދާއިރާއަށާއި ދ. މީދޫ ދާއިރާ އަށާއި ގދ. ގައްދޫ ދާއިރާއަށާއި ހއ. ހޯރަފުށީ ދާއިރާ އާއި ނ. ވެލިދޫ ދާއިރާއަށާއި ނ. މަނަދޫ ދާއިރާއަށާއި ނ. ހޮޅުދޫ ދާއިރާއަށާއި ނ. ކެނދިކުޅުދޫ ދާއިރާގެ އިތުރުން މާލޭގެ މާފަންނު ދެކުނު ދާއިރާއަށެވެ.

އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ކުރިމަތިލައްވާ ދެ ދާއިރާ ފިޔަވައި އަނެއް ހަތް ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީއޭއިން ވަނީ ހުޅުވާލާފަ އެވެ.

އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ސަރުކާރު ކޯލިޝަނުން ވާދަ ކުރެ އެވެ. އެއީ 85 ގޮނޑި އެވެ. އެ ގޮނޑިތަކުގެ ތެރެއިން ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމުން 49 ގޮނޑިއަށް ވާދަ ކުރެ އެވެ. ޖުމްހޫރީ ޕާޓީން 28 ގޮނޑިއަށް ވާދަ ކުރެ އެވެ.