27 Jan 2014, 14:35
މާލޭގެ 369 ނަންބަރު ކޮށީގައި ތައުލީމީ ފަންޑުން އިމާރާތްކޮށްފައިވާ "އެދުރުހިޔާ" ގެ ފްލެޓުތަކަށް އެދި ފޯމް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފްލެޓުތައް ދޫކުރަން ކަނޑައަޅާފައިވާ އަގަކީ 3000ރ. އާއި 5000ރ. އަށް ކަމަށެވެ.
"އެދުރު ހިޔާ" ފްލެޓުތަކަށް ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް އެޑިއުކޭޝަން މިނިސްޓްރީގައި ހުންނަ ތައުލީމީ ފަންޑުގެ އިދާރާއަށް ހުށަހަޅަންޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
"އެދުރު ހިޔާ" ފްލެޓު ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުގައި ބުނެފައި ވަނީ ފުރަތަމަ ތިން އަހަރު ދޫކުރާ ފްލެޓުތަކުގެ ކުއްޔަކީ އެއް ކޮޓަރީގެ ފްލެޓެއްނަމަ މަހަކު 3000ރ. ކަމަށެވެ. އަދި ދެކޮޓަރީގެ ފްލެޓެއްނަމަ ކުއްޔަކީ މަހަކު 5000ރ. ކަމަށާއި ޚިދުމަތުގެ ފީގެ ގޮތުގައި ކޮންމެ މަހަކު 1000ރ. ނެގުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ އުސޫލުގައި ވަނީ ބުނެފަ އެވެ.
"އެދުރު ހިޔާ" ފްލެޓުތައް ދޫކުރަން ހަމަޖެހިފައި ވަނީ ޓީޗިން ސާވިސް އޮފިސަރުންނާއި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުން ގެ މަގާމުތަކުގައި ޚިދުމަތްކުރާ ފަރާތްތަކަށް ވެސް އެ އުސޫލުގައި ބުނެފައިވެއެވެ.