ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރުނު ވިފްލައިނާ ހިލާފަށް ވޯޓް ދެއްވި އެ ޕާޓީގެ ބައެއް މެމްބަރުންނާ މެދު އެޅި ފިޔަވަޅެއް ނޭނގުމުން ސުވާލުއުފައްދައިފި އެވެ.

އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް ވޯޓް ދެއްވާފައި ވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމާއި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ރަޝީދާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ އާއި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް އާއި އަދި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެވެ.

އެ ބޭފުޅުންގެ ގެތެރެއިން ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) ވަނީ ވޯޓް ދެއްވި ދުވަހު އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އެހެން މެމްބަރުން އަދި ވެސް ތިއްބެވީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގަ އެވެ.

އެ ހަތް މެމްބަރުންގެ ތެރެއިން މިހާތަނަށް ފިޔަވަޅު އަޅާފައިވާ ކަން މީޑިއާއަށް ހާމަވެފައިވާ ހަމައެކަނި މެމްބަރު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ އެ މައްސަލާގައި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އަމަލުކޮށްފައި ވަނީ ހަމަހަމަކަމެއް ނެތި ކަމަށެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރައިމަރީއަކާ ނުލައި ޖާބިރަށް ލިބިފައިވާ އެމްޑީޕީގެ ޓިކެޓް ބާތިލުކޮށްފައި ވާތީ ޖާބިރު ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.

"މިކަމަކީ އަޅުގަނޑަށް ބަޔަކު ޖާތީ ގޮތުން އެޅި ފިޔަވަޅެއް، ޓިކެޓް ދީފައިވާ އެހެން މެމްބަރުންނާ މެދު އެއްވެސް ފިޔަވަޅެއް އެޅިފައެއް ނެތް، ނަމަވެސް އެވާހަކަ ދެން އިތުރަށް ދައްކާކަށް ބޭނުމެއް ނުވޭ، އަޅުގަނޑު ޕްރައިރީޒްގައި ވާދަކޮށް އެމްޑީޕީގެ ޓިކެޓްގައި އަޅުގަނޑުގެ ދާއިރާއަށް ކުރިމަތިލާނީ، އެ މަސައްކަތް މިހާރު މިކުރަނީ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރުގެ އިތުރުން އެ މައްސަލާގައި ހިމެނޭ މެމްބަރުންގެ ތެރެއިން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ މައްސަލަ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީ އަށް ހުށަހެޅި ނަމަވެސް އެ މައްސަލަ އެކޮމިޓީން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ނަމަވެސް އެ މައްސަލާގައި ހިމެނޭ އެހެން މެމްބަރުންނަށް އެކަން އަންގާފައެއް ނުވެ އެވެ.

އެމްޑީޕީގެ ފިޔަވަޅު އާޅާ ކޮމިޓީގެ މުގައްރިރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްގަފޫރު މިއަދު ސަން އަށް ވިދާޅުވީ އީސަގެ މައްސަލަ އެ ކޮމިޓީ އަށް ހުށަހަޅާފައި ވަނީ ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދާ ހިލާފަށް ކަމަށާއި އެ މައްސަލަ ހުށަހެޅިތާ ދެ ދުވަސް ތެރޭގައި އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

"އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކު ޕާޓީގެ ވިޕްލައިނަކާ ތަކުރާރުކޮށް ހިލާފުވަމުންދާ ނަމަ އެ މައްސަލައެއް ފިޔަވަޅު އަޅާ ކޮމިޓީ އަށް ޕާލިމަންޓްރީ ގްރޫޕުން ހުށަހަޅަންޖެހޭނެ، ނަމަވެސް އީސަގެ މައްސަލަ ނެތް ތަކުރާރުވެފައެއް، އެހެންވެ އެ މައްސަލަ ބަލައެއް ވެސް ނުގަންނަން. ދެން ތިބި މެމްބަރުންނާ މެދު ފިޔަވަޅު އެޅި ގޮތެއްގެ ތަފްސީލް ޕާޓީން ހާމަކުރާނެ ކަމަށް މިބަލަނީ،" ހާމިދު ވިދާޅުވި އެވެ.

ހާމިދު ވިދާޅުވީ އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުމާ އެކު ކޮމިޓީން އެ މައްސަލަ ބެލުމުގެ މަސައްކަތް ޖެހިގެން އައި ދުވަހު ފަށައިފައިވާ ކަމަށެވެ. އަދި ދެ ހަފްތާއަށް ފަހު މައްސަލަ ބަލައި ނިންމައި ހަ މެމްބަރުންގެ މައްސަލަ ޕާޓީގެ ސެކެޓްރިއޭޓަށް ބުރާސްފަތި ދުވަހު ފޮނުވާފައިވާ ކަމަށެވެ.

"އެމައްސަލާގައި އެ މެމްބަރުންގެ މައްޗަށް ފިޔަވަޅު ނާޅާ ޕްރައިމަރީޒް ކުރިއަށްދާ ނަމަ އެއީ ޕާޓީގެ އާއްމު މެމްބަރުންގެ ގެއްލޭ ހައްގެއް. އެހެންވެ އޭގެ ކުރިން އެ މައްސަލަ ނިންމައި ފޮނުވީ،" ހާމިދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ހަތް މެމްބަރެއްގެ މައްސަލަ ފިޔަވަޅު އާޅާ ކޮމިޓީ އަށް ހުށަހެޅި އޭގެ ތެރެއިންއެއް މެމްބަރުގެ މައްސަލަ އެ ކޮމިޓީން އަނބުރާ ފޮނުވައިލި ކަމާއި ދެން ތިބި މެމްބަރުންނާ މެދު އަޅާފައިވާ ފިޔަވަކީ ކޮބައިކަމެއް މިހާތަނަށް އެމްޑީޕީން ރަސްމީކޮށްހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ކޮމިޓީން އެ މައްސަލާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލް މިއަދު މީޑީއާތަކަށް ދޭނެ ކަމަށް އެމްޑީޕީން އިއްޔެ ވަނީ ބުނެފަ އެވެ.