27 Jan 2014, 13:15
ދައުލަތަށް އާމްދަނީ އިތުރު ކުރުމަށް ދިވެހި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނާއި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ތިން ބިލްގެ މަސައްކަތް ހަތަރު ދުވަސް ތެރޭގައި ކޮމެޓީން ނިންމުމަށް އަމާޒު ހިފައިފި އެވެ.
ހަތަރު ދުވަހުގެ ތެރޭ އެ ބިލުގެ މަސައްކަތް ނިންމައި އަންނަ ހޯމަ ދުވަހު އެ ބިލްތައް ފާސް ކުރުމަށް މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ކަމަށެވެ.
ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލްތައް ދިރާސާ ކުރުމަށް އެކުލާވާފައިވާ 11 މެންބަރުންގެ ކޮމެޓީގެ ނައިބު ނައިބު މުގައްރިރު، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަކަށް ކޮމެޓީގެ މަސައްކަތް ނިންމުމަށް ހުއްޓުމެއް ނެތި މަސައްކަތްކުރަމުންދާ ކަމަށެވެ.
ކޮމެޓީން ދިރާސާކުރަމުން ދަނީ ޓުއަރިޒަމް ގާނޫނުގެ ދަށުން ނަގާ ޓީޖީއެސްޓީ، 8 ޕަސެންޓުން 12 ޕަސެންޓަށް ބޮޑު ކުރުމަށް ހުށަހެޅި ބިލާއި ޓުއަރިޒަމް ގާނުނުގެ ދަށުން ނަގާ ބެޑް ޓެކްސް މިއަހަރުގެ ނިޔަލަށް ނެގުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ އިތުރުން ބައެއް އިތުތު ހިދުމަތްތަކުން ޓެކްސް ނެގުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސްގެ ބިލަށް ހުށެޅި އިސްލާހްގެ ބިލެވެ.
ކާނަލް ވިދާޅުވީ ބިލްތައް ދިރާސާ ކުރުމުންދާއިރު ގާނޫނީ ލަފާ ހޯދުމަށް ދައުލަތުގެ ބަންޑާރަ ނައިބު މާދަމާ ކޮމެޓީއަށް ހާޒިރުކުރައްވާނެ ކަމަށެވެ. އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އާއި ޓޫރިޒަމް ޖަމިއްޔާ މަޓީ ވެސް ކޮމެޓީއަށް ހާޒިރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރާއި އިދިކޮޅު މެންބަރުން ތިއްބައިގެން ކޮމެޓީގެ ބަހުސްތައް ދަނީ ވަރަށް ވާދަވެރި ރޫހެއްގައި ކަމަށާއި ނަމަވެސް ކޮމެޓީގެ މަސައްކަތައް ހުއްޓޭފަދަ ކަމެއް މެދުވެރިނުވާ ކަމަށް ކާނަލް ފާހަގަކުރެއްވެވި އެވެ.
ދައުލަތުގެ އާންމުދަނީ އިތުރުކުރުމަށް ސަރުކާރުން ތިން ބިލު މަޖިލީހަށް ބަލައިގަތީ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގަ އެވެ.
މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް ގޮސްފައި ވަނިކޮށް ދައުރުން ބޭރުން ވަނީ މަޖިލީހުގެ ތިން ޖަލްސާއެއް ބާއްވާފަ އެވެ.