ނަވާރަސަތޭކަ ފަސްދޮޅަސް ހަތެއްގެ ހަނގުރާމައިގެ ކުރިން ފަލަސްތީނުގެ ސަރަޙައްދީ ރަޮނގު އޮތްހިސާބަކީ ފަލަސްތީނުގެ ދައުލަތްކަމަށް ބަލައިގެން ފަލަސްތީނުގެ މިނިވަންދައުލަތަކަށް އިޢްތިރާފްވެދާނެ ކަމަށް ޔޫރަޕްގެ އިއްތިޙާދުން ބުނެފިއެވެ. ޔޫރަޕްގެ އިއްތިޙާދުން ނެރުނު ބަޔާނެއް ބުނިގޮތުގައި ނަވާރަސަތޭކަ ފަސްދޮޅަސް ހަތެއްގެ ހަނގުރާމައިގާ އިސްރާއީލުހިފި ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ހުރިހާ ބިންތަކެއް ޝާމިލްވާގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތަކަށް އިޢްތިރާފްވާން އެއިއްތިޙާދު އޮތީ ތައްޔާރަށެވެ. ޔޫަރަޕްގެ އިއްތިޙާދުން މިބަޔާން ނެރެފައިވަނީ ނަވާރަސަތޭކަފަސްދޮޅަސް ހަތެއްގެ ސަރަޙައްދީ ރޮނގާ ހަމައަށް ދެމިގެންދާ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ޔޫަރަޕްގެ އިއްތިޙާދުން އިޢްތިރާފް ވުމަށް ފަލަސްތީނުން ރައީސް މަޙްމޫދް ޢައްބާސް ގޮވާލައްވާފައިވަނިކޮށެވެ. ޢައްބާސް މިގޮތަށް ގޮވާލެއްވީ ނަވާރަސަތޭކަފަސްދޮޅަސް ހަތެއްގެ ހަނގުރާމައިގާ އިސްރާއީލުންހިފި ހުޅަނގު އައްސޭރީގެ ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުމަށްޓަކައި އެބިންތަކުގައި އިސްރާއީލުން ކުރިޔަށްގެންދާ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫޢު ހުއްޓާލުމަށް ތަކުރާރުކޮށް އިސްރާއީލު ދެކޮޅުހެދުމާގުޅިގެންނެވެ. ޔޫރަޕްގެ އިއްތިޙާދުންވެސްވަނީ މިކަން ހުއްޓާލުމަށް ތަކުރާރުކޮށް އިސްރާއީލަށް ގޮވާލާފައެވެ. މިކަމަށް އިސްރާއީލު ދެކޮޅުހަދައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ ކަންތައް ކުރިޔަށް ގެންދާއިރުވެސް ޔޫރަޕްގެ އިއްތިޙާދުން އިސްރާއީލާ ދެކޮޅަށް އެއްވެސް ބާވަތެއްގެ ފިއްތުންތަކެއް ކުރިމަތިކޮށްފައެއް ނުވެއެވެ. ނަމަވެސް ނަވާރަސަތޭކަ ފަސްދޮޅަސް ހަތެއްގެ ހަނގުރާމައިގެ ކުރިން ފަލަސްތީނުގެ ސަރަޙައްދީ ރަޮނގު އޮތްހިސާބަކީ ފަލަސްތީނުގެ ދައުލަތްކަމަށް ބަލައިގެން ފަލަސްތީނުގެ މިނިވަންދައުލަތަކަށް އިޢްތިރާފްވެދާނެ ކަމަށް ބުނެ ޔޫރަޕްގެ އިއްތިޙާދުން އިއްޔެ ނެރުނު ބަޔާނަކީ ޔަހޫދީން ވަޒަންވެރިކުރުވާ މައްސަލާގައި އިސްރާއީލަށް ދިން އިންޒާރެއް ކަމަށް މުރާސިލުން ސިފަކުރެއެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުން މިހާރުވެސްވަނީ ނަވާރަސަތޭކަ ފަސްދޮޅަސް ހަތެއްގެ ހަނގުރާމައިގެ ކުރިން ފަލަސްތީނުގެ ސަރަޙައްދީ ރަޮނގު އޮތްހިސާބަކީ ފަލަސްތީނުގެ ދައުލަތްކަމަށް ބަލައިގެން ފަލަސްތީނުގެ މިނިވަންދައުލަތަކަށް އިޢްތިރާފްވެފައެވެ.