27 Jan 2014, 12:40
ރާއްޖެ ވަޑައިގެން އުޅުއްވާ ސަޢޫދީ ޢަރަބިއްޔާގެ ދީނީ ޢިލްމުވެރިންގެ ވަފްދުގެ ބޭފުޅުންނާ (ފޮޓޯ) ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ބައްދަލުކުރައްވައިފި އެވެ.
މުލީއާގޭގައި ރޭ އޮތް މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެބޭފުޅުން ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވައި ރާއްޖޭގެ ރައްޔިތުންނަށް ދީނީ ނަޞޭޙަތް ދެއްވުމުގެ ޕްރޮގްރާމްތައް ހިންގެވީތީ ޝުކުރު އަދާކުރެއްވި އެވެ. އަދި އިސްލާމީ ގައުމުތަކާއި ރާއްޖެއާ ދެމެދު އަބަދުވެސް ގާތް ގުޅުމެއް ބޭއްވެވުމަކީ، އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
ސަޢޫދީ ޢަރަބިއްޔާގެ ދީނީ ޢިލްމުވެރިންގެ ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި އެބޭފުޅުންނަށް ދިވެހި ސަރުކާރުން ބެހެއްޓެވި ފުރިހަމަ މެހްމާންދާރީއަށް ޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި ރާއްޖޭގެ ރައްޔިތުންނަކީ، ވަރަށް ހިތްހެޔޮ، އުޚުއްވަތްތެރި ރައްޔިތެއްކަން، މިދަތުރުފުޅުން ފާހަގަކުރެއްވުނު ކަމަށާއި އެކަމަށް ޓަކައި އުފާފުޅު ކުރައްވާ ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.