ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ހުންނަ ޝަންގްރިއްލާ ހޮޓަލުގެ 22 ވަނަ ފަންގިފިލައިން ވެއްޓި، އިންޑިއާގެ މަޝްހޫރު ޓާޓާ މޮޓޯސްގެ މެނޭޖިން ޑައިރެކްޓަރު ކާލް ސްލައިމް މަރުވެއްޖެ އެވެ.

ޓާޓާ މޮޓޯސް ތައިލެންޑް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމަކަށް ގޮސް ހުއްޓައި މަރުވި ކާލްގެ މަރުވީ މީހެއްގެ ހަމަލާއެއްގައި ނޫން ކަމަށް ތައިލެންޑް ފުލުހުން މިހާރު ބުނެފައިވާ ކަމަށް އިންޑިއާގެ ދަ ހިންދޫ ނޫހުން ބުންޏެވެ.

"މިއީ ގަތުލެއް ނޫން ކަމަށް އަހަރެމެންނަށް ކަނޑައެޅިދާނެ. އަހަރެމެން އަދިވެސް މިދަނީ އޭނާގެ މަރު ތަހުގީގު ކުރަމުން،" ތައިލެންޑް ފުލުހުންގެ ފަރާތުން ވާހަކަ ދެއްކި ސޮމްޔޮޓް ބޫން ޔަކިއޯ ބުނިކަމަށް ނޫހުގައިވެ އެވެ.

ޓާޓާ މޮޓޯސްއާ ކާލް ގުޅުނީ 2012 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ ޗައިނާގެ އެސްޖީއެމްޑަބްލިއު މޮޓޯސްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ކަމާއި އިންޑިއާގެ ޖެނެރަލް މޮޓޯސްގެ ޕްރެޒިޑެންޓް ކަމާއި މެނޭޖިން ޑައިރެކްޓަރުކަން ވެސް ކޮށްފަ އެވެ.

އިންޑިއާގެ ސޮސައިޓީ އޮފް އޮޓޮމޯބައިލް އިން ވަނީ ކާލްގެ ކުއްލި މަރާ ގުޅިގެން ހިތާމަ ފާޅުކޮށްފަ އެވެ.