27 Jan 2014, 12:21
ޕްރައިމަރީއަކާ ނުލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެފައި ވަނިކޮށް، އެ ޓިކެޓް އަތުލުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައި ވަނީ ޒާތީ ހަސަދަވެރި ކަމެއްގެ ސަބަބުން ކަމަށް ޖާބިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިން ބޭރުގައި ހުންނަވައިގެން ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް ވޯޓް ދިން މައްސަލާގައި އޭނާގެ އިތުރުން އެ ޕާޓީގެ އެހެން ބައެއް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ވެސް ހިމެނިވަޑައިގެންނަވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި އޭނާއާ މެދު ފިޔަވަޅު އެޅިކަން މީޑިއާގައި އާއްމުވެފައިވާ އިރު އެހެން މެމްބަރަކާ މެދު ފިޔަވަޅު އާޅާފައި ނުވުމަކީ އޭނާއާ މެދު ޒާތީ ގޮތުން ބަޔަކު ކަންތައްތަކެއް ކުރާ ކަމުގެ ހެއްކެއް ކަމަށެވެ.
"އަޅުގަނޑަށް އެނގޭ އެމްޑީޕީގެ ތެރޭގައި އަޅުގަނޑު ކުރިއަރަމުން އަންނާތީ އެކަމާ ހަސަދަލާ މީހުން ވެސް ބައިވަރު އުޅޭކަން. އަޅުގަނޑާ މެދު އެޅި އެ ފިޔަވަޅަކީ އެއްވެސް ހަމަހަމަކަމެއް ނެތި ޒާތީ ގޮތުން ކުރި ކަމެއް،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ އެ މައްސަލާގައި އެމްޑީޕީގެ ފިޔަވަޅު އާޅާ ކޮމިޓީގެ މުގައްރިރު ހާމިދު އަބްދުލްގަފޫރަށް އޭނާ ފޯނުން ގުޅުއްވި ކަމަށާއި ނަމަވެސް ހާމިދު ފޯނަށް ޖަވާބުދެއްވާފައިނުވާ ކަމަށެވެ.
ޕާޓީން އެޅި ފިޔަވަޅާ މެދު އިތުރު އެއްވެސް މައްސަލައެއް ޕާޓީ އަށް ހުށަހަޅުއްވަން ބޭނުންފުޅު ނުވާ ކަމަށާއި އޭގެ ބަދަލުގައި އޭނާ ކުރިއަށް ވަޑައިގަންނަވާނީ ޕްރައިމަރީގައި އޭނާގެ ދާއިރާ އިން އެމްޑީޕީގެ ޓިކެޓް ހޯއްދެވުމުގެ މަސައްކަތްތާއިގެން ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އިއްޔެ ނިންމާފައި ވަނީ އެމްޑީޕީން ޖާބިރު އިންތިހާބު ވެފައިވާ މަގާމުތަކުން ދުރުކޮށް އޭނާ އަށް ލިބިފައިވާ އެމްޑީޕީގެ ޓިކެޓް އަނބުރާ ގެނެސް، އެ ދާއިރާގެ ޕްރައިމަރީ ބޭއްވުމަށެވެ.
ޖާބިރު ވިދާޅުވީ އޭނާއާ މެދު އެމްޑީޕީން ފިޔަވަޅު އެޅިނަމަވެސް އޭނާ އެ ޕާޓީ ދޫކުރައްވާ ވަޑައިނުގެންނަވާނެ ކަމަށެވެ.
"އަޅުގަނޑަށް 100 ޕަސެންޓް ގެރެންޓީ އެބައޮތް އެމްޑީޕީގެ ޕްރައިމަރީޒްގައި ވާދަކޮށްގެން އަޅުގަނޑުގެ ދާއިރާގެ ޓިކެޓް އަޅުގަނޑަށް ލިބޭނެ ކަން،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރަށް އެ ދާއިރާގެ ޓިކެޓް ކުރިން ދީފައި ވަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން އެ ދާއިރާ އަށް ކުރިމަތިލާނެ އިތުރު ކެންޑިޑޭޓަކު ނެތުމުންނެވެ. އެމްޑީޕީގެ ތްރީލައިން ވިޕާ ހިލާފްވި މައްސަލާގައި ޖާބިރުގެ އިތުރުން އެ ޕާޓީގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމާއި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރަޝީދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ އާއި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމާއި އަދި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވެސް ހިމެނިވަޑައިގެންނަވަ އެވެ.
މީގެ ތެރެއިން ބައެއް މެމްބަރުން އެމްޑީޕީ ދޫކޮށް އެހެން ޕާޓީތަކަށް ވަނީ ބަދަލުވެފަ އެވެ.