މި މަހުގެ 18 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް ނިމިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރު ޖެނަރަލް އަހްމަދު ޝަކީލް މިއަދު ސަން އަށް ވިދާޅުވީ ރަށު ކައުންސިލްތަކުގެ ވަގުތީ ނަތީޖާ ރޭގައި އިއުލާންކޮށް ނިމިފައިވާ ކަމަށާއި ދާއިމީ ނަތީޖާ 14 ދުވަސް ތެރޭގައި އިއުލާން ކުރުމަށް މަސައްކަތްކުރާ ކަމަށެވެ.

އަދި މިހާރު ކުރަމުންދާ މަސައްކަތަކީ ވަގުތީ ނަތީޖާއަށް ބަދަލު އަންނަ ފަދަ މައްސަލައެއް ހުރިތޯ ބެލުމުގެ މަސައްކަތް ކަމަށް ޝަކީލް ވިދާޅުވި އެވެ.

"މިހާރު މި ވަނީ ބޭއްވި ހުރިހާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ވަގުތީ ނަތީޖާ އިއުލާންކޮށް ނިމިފައި. މިހާރު އަޅުގަނޑުމެން މި ބަލަނީ ވަގުތީ ނަތީޖާ އަށް ބަދަލު އަންނަ ފަދަ އެއްވެސް މައްސަލައެއް ދިމާވެފައިވޭތޯ،" ޝަކީލް ވިދާޅުވި އެވެ.

ރަށު ކައުންސިލްތާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން އިތުރުން ސިޓީ ކައުންސިލަށް ޖުމްލަ 1118 ކައުންސިލަރުން ވަނީ އިންތިހާބުކޮށްފަ އެވެ. ނަމަވެސް ގއ. ވިލިނގިލީ ރަށު ކައުންސިލް އިންތިހާބު ބާއްވާފަ އެއްނުވެ އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ބައެއް ކައުންސިލްތަކުގެ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ. އެގޮތަށް ދެ ވަނަ ބުރެއް ބާއްވަން ޖެހެނީ ވޯޓު އެއްވަރުވުމުގެ ސަބަބުންނެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ކައުންސިލްތަކުގެ މެޖޯރިޓީ ލިބިފައިވަނީ ސަރުކާރުގެ ހިންގާ ކޯލިޝަނުގެ ހިމެނޭ ޕާޓީތަކަށެވެ. ނަމަވެސް ގޮނޑިތައް ބެހިގެން ގޮސްފައިވާ ގޮތް އަދި އިލެކްޝަނުން ހާމަ ކޮށްފަ އެއްނުވެ އެވެ.