އަނބިމީހާ އަށް ޖިންސީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާކުރަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި ހދ. ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ކުޅުދުއްފުށީގައި ހުންނަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންސް ޔުނިޓްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން، އުމުރުން 47 އަހަރުގެ ފިރިހެނަކު އެ ރަށުން މިދިޔަ ހަފްތާގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ފުލުހުން އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އެރަށު ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްދީފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ކުޅުދުއްފުށީގައި ހިމެނޭ ދެ މަފިރިން ކައިވެނިކޮށްފައި ވަނީ އުމުރުން ވަރަށް ޅަ އުމުރުގަ އެވެ. އަދި ކައިވެންޏަށް މިހާރު 30 އަހަރު ވަނީ ވެފަ އެވެ.

ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންސް ޔުނިޓްގެ އެ މައްސަލާގައި ހިމެނޭ އަންހެން މީހާ ހާޒިރުކޮށް ސުވާލުކުރެވިފައިވާ އިރު ކައިވެނީގެ މި ދިގުމުއްދަތުގެ ތެރޭގައި ބޮޑެތި އަނިޔާތައް އަނބިމީހާ އަށް ކޮށްފައިވާ ކަމަށް އަންހެން މީހާ ވަނީ ބުނެފަ އެވެ.

މި މައްސަލަ މިހާރު އެރަށުގެ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.