27 Jan 2014, 11:31
ގައުމީ އެއާލައިން، މޯލްޑިވިއަނުން ސީ ޕްލޭންގެ ޚިދުމަތް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަންއިން ބުނެފި އެވެ.
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން" އަށް ވިދާޅުވީ މިހާރު އެކުންފުނިގެ ފަރާތުން ކުރަމުންދާ މަސައްކަތަކީ ސީޕުލޭން އޮޕަރޭޓް ކުރުމަށް އެމްއޭސީއެލްއިން އެކުންފުއްޏަށް ދީފައިވާ ސައިޓް ހެދުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މީގެ ހަފްތާއެއްގެ ކުރިން އެމަސައްކަތް ފަށާފައިވާކަމަށް ނަޝާތު ވިދާޅުވި އެވެ.
"ސައިޓްގެ މަސައްކަތް ކުރަމުން މިހާރު ދަނީ، އެތަނުގައި ޖެޓީއެއްވެސް އެޅުމުގެ ކަންކަން ދަނީ ކުރަމުން، ދެން ޓާމިނަލްގެ މަސައްކަތް ފަދަ މަސައްކަތްތައް ހުރީ، އަޅުގަނޑުމެން މިހާރު މިވަނީ އަމަލީ މަސައްކަތް ފަށައިގަނެފައި،" ނަޝާތު ވިދާޅުވި އެވެ.
ނަޝާތު ވިދާޅުވީ އެކުންފުނީގެ ވިސްނުންހުރީ ކުރިން ޕުލޭންކުރިގޮތަށް މާޗް މަހުގައި ސީ ޕުލޭންގެ ހިދުމަތް ފަށާގޮތަށް ކަމަށެވެ.
ދާދިފަހުން އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަމާއި ހަވާލުވެ އަހުމަދު ޝަފީއު ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ މޯލްޑިވިއަނުން ސީ ޕްލޭންގެ ޚިދުމަތް ފަށާ ރައްޔިތުންނަށް ފަސޭހަ ހިދުމަތެއް ވީހާ ވެސް އަވަހަށް ދިނުން ކަމަށެވެ. އޭނާ ވިދާޅުވީ ސީ ޕްލޭންގެ ހިދުމަތް ދިނުމަށް ޓަކައި ބޭނުންވާ ބޯޓްތަކަށް މިހާރު އޯޑަރު ދީފައިވާ ކަމަށެވެ.