27 Jan 2014, 10:04
ސަރުކާރުގެ މައި ކުންފުނި އެސްޓީއޯ އަށް މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 114 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެއީ 2012 ވަނަ އަހަރާއި އަޅާބަލާއިރު ދަށް އަދަދެކެވެ.
އެސްޓީއޯ އިން އިއްޔެ އާންމުކޮށްފައިވާ އެ ކުންފުނީގެ ތަފާސް ހިސާބުތަކަށް ބަލާ އިރު އެ ކުންފުންޏަށް މިދިޔަ އަހަރު އާމުދަނީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ހަރަދުތައް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 114 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ 2012 ވަނަ އަހަރާ އަޅާބަލާ އިރު 52 ޕަސެންޓް ދަށް ވުމެކެވެ.
ދެހާސް ބާރަ ވަނަ އަހަރު އެސްޓީއޯގެ ފައިދާ އަކީ 274 މިލިއަން ރުފިޔާ އެވެ.
އެސްޓީއޯގެ ތަފާސް ހިސާބުތަކަށް ބަލާއި އިރު މިދިޔަ އަހަރު އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި 599 މިލިއަން ރުފިޔާ ލިބިފައިވާ އިރު 2011 ވަނަ އަހަރު ލިބިފައި ވަނީ 493 މިލިއަން ރުފިޔާ އެވެ.
އެސްޓީއޯ އަށް މިދިޔަ އަހަރު އެންމެ ބޮޑު ފައިދާއެއް ވެފައި ވަނީ ދެ ވަނަ ކުއާޓަރުގަ އެވެ. އެ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 64 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެންމެ ފަހު ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 37 މިލިއަން ރުފިޔާ އެވެ.