27 Jan 2014, 09:49
މެޗުގެ އިތުރު މިނެޓުގައި މާޒިޔާކޮޅަށް ނިއުއިން ޖެހި ލަނޑާ އެކު 3-4 ލަނޑުން ނަތީޖާއަކުން، މާޒިޔާގެ އަތްދަށުން ނިއު ހަނިގޮތަކަށް ސަލާމަތްވެއްޖެ އެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ނިއުއިންނެވެ. އެލަނޑު ނިއުއަށް ކާމިޔާބު ކޮށްދިނީ އަހުމަދު ހަސަނެވެ. އަދި އޭގެ ތިން މިނެޓް ފަހުން ނިއުގެ ހަމްޒާ މުހައްމަދު ލަނޑެއް ކާމިޔާބު އެޓީމުގެ ލީޑް ފުޅާކޮށްދިނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ނިއުއަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ މެޗުގެ 21 ވަނަ މިނެޓުގައި އެޓީމުގެ ގޯލް ކީޕަރު އަބްދުﷲ ފަޔާޒްއަށް ރަތް ކާޑުދައްކާ އޭނާ ދަނޑުން ފޮނުވާލުމެވެ. މެޗުގެ ބާކީ ބައި 10 މީހުންނާ އެކު ކުޅެންޖެހުމުން، އިދިކޮޅު މާޒިޔާ އިން ނިއުގެ ގޯލަށް ނުރައްކާތަކެއް ކުރަން ފެށިއެވެ. އޭނގެ ނަތީޖާއަކަށްވީ މެޗުގެ 27 ވަނަ މިނެޓުގައި މާޒިޔާގެ މުހައްމަދު އިރުފާން ލަނޑެއް ކާޟިޔާބު ކުރުމެވެ. އިއްޔެގެ މެޗުގައި މާޒިޔާ އަށް ނަތީޖާ ހަމަކޮށްދިން ލަނޑު މެޗުގެ ދެ ވަނަ ހާފުގެ ކުރީ ކުޅު އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ވާޒިއު އެވެ.
މެޗުގެ ދެ ވަނަ ހާފް މާޒިޔާ އިން ލަނޑު ޖެހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިތާ ފަސް މިނެޓް ފަހުން ނިއުއިން ވަނީ އަނެއް ކާވެސް ލަނޑެއް ޖަހާ މެޗުގެ ލީޑް ނަގާފަ އެވެ. ނިއު އިން ދެވަނަ ފަހަރަށް މެޗުގެ ލީޑް ނެގީ 56 ވަނަ މިނެޓްގައި މައިދާން ސޯލިޙް ކާމިޔާބު ކުރި ލަނޑުން ނެވެ. އަދި މާޒިޔާ އިން ވެސް ނިއު އިން ލީޑް ނެގިތާ ފަސް މިނެޓު ފަހުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެލަނޑުވެސް މާޒިޔާއަށް ކާމިޔާބު ކޮށްދިނީ އިރްފާނެވެ.
އިއްޔެގެ މެޗުގައި މާޒިޔާ އަތްދަށުން ނިއު ސަލާމަތްވީ މެޗުގެ އިތުރު ވަގުތުގައި ހަމްޒާ ކާމިޔާބު ކުރި ލަނޑުން ނެވެ.
މުބާރާތުގައި މިއަދު ވެސް ދެމެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:10 ގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް ތިނެއްގައި ވާދަކުރާ ބީޖީ ސްޕޯޓްސް ކުލަބާއި ކެލާނާޅި ސްޕޯޓްސް ކުލަބެވެ. އަދި ދެ ވަނަ މެޗުގައި ވަދަކުރާ ދެ ޓީމަކީ މި ގްރޫޕްގެ ދެން ހިމެނޭ ދެ ޓީމް ކަމަށްވާ އޭވައިއެލް އާއި އޭދަފުށި ޒުވާނުންގެ ކުލަބެވެ. މިމެޗް ފަށާނީ މިރޭ 9:00 ގައެވެ.
މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި 13 ޓީމު ބައިވެރިވެފައިވާ އިރު ޓީމުތައް ވަނީ ތިން ގްރޫޕަކަށް ބަހާލާފަ އެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ފަށާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ފެބްރުއަރީ 16 އަދި 17 ގައި ކުޅުމަށް ހަމަޖެހިފައިވާ އިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ފެބްރުއަރީ 20 ވަނަ ދުވަހު ހަވީރު އެވެ.
އެފްއޭއެމްއިން 2011 ވަނަ އަހަރު ތައާރަފްކުރި މި މުބާރާތަކީ ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާ ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް މިފަހަރު ސްޕޮންސާ ކޮށްފައިވަނީ އެލް މޯބައިލް އިންނެވެ.