14:30


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ނުވަންނަވައި، ޖަލްސާގެ ކޯރަމް ގެއްލުވާލީ އެމްޑީޕީން ކަމަށާއި އެމްޑީޕީ މެންބަރުން ވަޑައިނުގެންނެވި ނަމަވެސް ކޯރަމް ހަމަކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ކުރިއަށް ގެންދާނެ ކަމަށް ޑީއާރުޕީގެ ނާއިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެ އެވެ.


އިލްހާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޑީއާރުޕީގެ މެންބަރުން ވަޑައިގެންނެވީ އެހެން ދުވަސްތަކެކޭ އެއްފަދައިން ކަމަށެވެ. އެހެންކަމުން ބައެއް މެންބަރުން ޖަލްސާއަށް ވަޑައިގެންނެވުން ތަންކޮޅެއް ލަސްވެގެން ދިޔައީ ކަމަށާއި، ޖަލްސާއަށް އެމްޑީޕީގެ މެންބަރުން ވަޑައިގެންނެވި ނަމަވެސް ޖަލްސާކުރާ މާލަމަށް އެ މެންބަރުން ވެދެވަޑައިނުގަންނަވައި ގަސްތުގައި ކޯރަމް ގެއްލުވައިލީ އެމްޑީޕީން ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ. އަދި ޖަލްސާއަށް ވެންނެވުމަށް، މަޖިލީހުގެ އިދާރާއިން ތަކުރާރުކޮށް އެ މެންބަރުންނަށް ދެންނެވި ނަމަވެސް އެ މެންބަރުން ޖަލްސާއަށް ނުވެންނެވި ކަމަށާއި، ލިބުނު ފަސް މިނިޓްގެ ތެރޭގައި ޑީއާރުޕީގެ އިތުރު މެންބަރަކު ހަމަކުރެވޭވަރު މިއަދު ނުވީ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ. އަދި ކުރިއަށް އޮންނަ މިފަދަ މުހިއްމު މައްސަލަތަކުގައި އެމްޑީޕީން އެފަދަ ކަމެއް ކޮށްފާނެ ކަމަށް ދެން ވިސްނާނެ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.


އިލްހާމް އަދި ވިދާޅުވީ ކޮންމެ ގޮތެއް ވިޔަސް އޮޑިޓަރ ޖެނެރަލްގެ މައްސަލައަކީ ވަރަށް ސާފު މައްސަލައެއް ކަމަށް. އަދި އޮޑިޓަރ ޖެނެރަލް ކުރައްވާފައިވާ ހިޔާނާތުގެ މައްސަލަތަކާއި އޭނާ ކޮށްފައިވާ ހުރިހާ ޖަރީމާތައް އެނގެން އޮތުމުން ގާނޫނު އަސާސީގައި ބުނާ ގޮތުގެ މަތީން އޭނާ އޮޑިޓަރ ޖެނެރަލް މަގާމުން ވަކިކުރަންޖެހޭ ކަމަށާއި އެކަމުގައި ޑީއާރުޕީ އާއި އެކަމަށް ތާއީދުކުރާ މެންބަރުން ތިއްބެވީ ވަރަށް ސާބިތުކަންމަތީގައި ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ. އަދި އެހެން މެންބަރުން އެމައްސަލައަށް ތާއީދުކޮށް ވޯޓުދެއްވަން ތިއްބެވީ، ޑީއާރުޕީއަށް ނޫން ކަމަށާއި ގައުމަށް ޓަކައި ކަމަށާއި، މިއީ ކޮރަޕްޝަން މައްސަލައަކަށް ވާތީ މި މައްސަލައިގައި އެމްޑީޕީން ވެސް އިދިކޮޅަށް ވޯޓު ދެއްވާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް އިލްހާމް ވިދާލުވި އެވެ. އިލްހާމް ވިދާޅުވީ މި މައްސަލައިގައި ޖެހޭނީ ވޯޓަށް އަހަން ކަމަށެވެ. އަދި މި މައްސަލައިގައި ވޯޓަށް ނާހައި އެހެން މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް ނޭހޭނެ ކަމަށް ވެސް އޭނާ ތަކުރާރު ކުރެއްވި އެވެ.


އޮޑިޓަރ ޖެނެރަލްގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ވޭތުވެދިޔަ ދެ ދުވަހު މަޖިލީހުގެ ތަޅުމުގައި މެންބަރުން ކުރި ބަހުސްގައި ތަޅުން ހޫނުވެ އިއްޔެގެ ޖަލްސާގައި މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިނގުމުގެ ސަބަބުން ރިޔާސަތުން ވަނީ ޖަލްސާ މެދުކަނޑުއްވައި ލައްވައިފަ އެވެ.


އަދި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވެގެން ޖަލްސާ ނުބާއްވާ ގޮތަށް ރިޔާސަތުން ނިންމެވިއިރު 18 މެންބަރުން ޖަލްސާއަށް ވަޑައިގެން ތިއްބެވި އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއެކު ޑީއާރުޕީގެ އެގާރަ މެންބަރުންނާއި ޕީއޭގެ ތިން މެންބަރުންނާއި، އަމިއްލަ ދެ މެންބަރުންނާއި، ގައުމީ ޕާޓީ އާއި ޖުމްހޫރީ ޕާޓީ މެންބަރެކެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ބައިވެރިވެ ނުގެންނެވީ ކޮން ސަބަބަކާހުރެތޯ އޮޅުން ފިލުވުމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާމަނިކާ ގުޅާލުމުން، ޖަލްސާއެއްގައި ވަރަށް ބިޒީކަމަށް ވިދާޅުވެ ވަނީ ފޯނު ނިއްވަވައިލައްވައިފަ އެވެ.