27 Jan 2014, 09:36
ގާހިރާ (ޖަނަވަރީ 27): މިޞްރުގައި ފުރަތަމަ އޮންނާނީ ރިޔާސީ އިންތިޚާބުކަން އެގައުމުގެ ވަގުތީ ރައީސް އަދްލީ މަންސޫރު އިޢްލާންކުރައްވައިފި އެވެ.
ޓީވީ މެދުވެރިކޮށް މިޞްރުގެ ރައްޔިތުންނާ މުޚާތަބްކުރައްވާ ދެއްވި ތަޤްރީރެއްގައި އެގައުމުގެ ވަގުތީ ސަރުކާރުގެ ރައީސް އަދްލީ މަންސޫރް ވިދާޅުވީ، އޭނާގެ ސަރުކާރުން އެކުލަވާލާފައިވާ ސިޔާސީ މަގު ޗާޓު އިސްލާހުކޮށް އެއަށް ބަދަލުތަކެއް ގެނަސްފައިވާ ކަމަށާއި އެ ބަދަލުތަކާ އެކު މިޞްރުގައި ޢާއްމު އިންތިޚާބުގެ ކުރިން ރިޔާސީ އިންތިޚާބު ބޭއްވުމަށް މިހާރު ހަމަޖައްސާފައިވާކަމުގަ އެވެ.
މިގޮތަށް ސަރުކާރުގެ މަގުޗާޓަށް ބަދަލުތައް ގެންނަން ޖެހުނީ މިސްރުގެ މިހާރުގެ ސިޔާސީ ހާލަތަށް ރިޢާޔަތްކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މިޞްރުގެ ވަގުތީ ސަރުކާރުން އެކުލަވާލާފައިވާ ސިޔާސީ މަގު ޗާޓުގައި ކުރީގައިވާ ގޮތުން ފުރަތަމަ ބާއްވަން ޖެހޭނީ ޕާލަމެންޓްރީ އިންތިޚާބެވެ. ދެން ރިޔާސީ އިންތިޚާބެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން ރިޔާސީ އިންތިޚާބު އަންނަ މާޗް މަހުގެ ތެރޭގައި ބޭއްވުމަށް ސަރުކާރުންގެން ދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން ރިޔާސީ އިންތިޚާބަށް ވާން ޖެހޭ ތައްޔާރީތައްވުމަށް މިޞްރުގެ އިލެކްޝަންސް ކޮމިޝަނަށް އަންގަވާނެ ކަމަށާ އިންތިޚާބުގައި ވާދަ ކުރައްވަން ބޭނުންފުޅުވާ ކެންޑިޑޭޓުންނަށް އެބޭފުޅުންގެ ނަން ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލުމަށް ވެސް އަންގާވާނެ ކަމަށް ވަގުތީ ރައީސް އަދްލީ މަންސޫރް ވިދާޅުވި އެވެ.
މިޞްރުގެ ވަގުތީ ސަރުކާރުގެ ދިފާޢީ ވަޒީރު އަދި އެގައުމަށް ގެނައި އަސްކަރީ އިންގިލާބުގެ ވެރިޔާ ޖެނެރަލް ޢަބްދުލް ފައްތާޙު އައްސިސީ ރިޔާސަތަށް ކުރިމަތިލައްވާނެކަމުގެ އިޝާރާތެއް ވަނީ ދެއްވާފަ އެވެ. އޭނާ މިސްރުގެ ރައީސްކަމަށް އިންތިޚާބުކުރަން މިހާރުގެ ވަގުތީ ސަރުކާރުގެ އިސްވެރިން ބޭނުންވާކަމުގެ އަލާމާތްތައް ވެސް ދަނީ ފެންނަމުންނެވެ.(އަލްޖަޒީރާ)