ނިއުދިއްލީ (ޖަނަވަރީ 27): ގިނަ އަދަދެއްގެ ފަސިންޖަރުންނާ އެކު ދަތުރުކުރި އިންޑިޔާގެ ޓޫރިސްޓް އުޅަނދެއް ބެންގޯލް ކަނޑުއޮޅިއަށް ބަންޑުން ޖަހާލުމުގެ ސަބަބުން 21 މީހުން މަރުވެއްޖެ އެވެ.

އިންޑިޔާގެ ފުލުހުންނާ ޙަވާލާދީ ޚަބަރުފަތުރާ ވަސީލަތްތައް ބުނާ ގޮތުން ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި މިއުޅަނދު ބަންޑުން ޖަހާލާފައި ވަނީ އިންޑިޔާ ކަނޑުގައިވާ އަންޑަމަން އެންޑް ނިކާބަވް ޖަޒީރާތަކުގެ އައްސޭރިފަށާ ކައިރި ހިސާބަކަށެވެ. ބަންޑުންޖަހާލި އުޅަނދުގައި ތިބި ފަސިންޖަރުންގެ ތެރެއިން 13 މީހުން ސަލާމަތް ކުރެވިފައިވާ އިރު 21 މީހުންގެ މަރުވެފައިވާ ހަށިތައް ވަނީ ނަގާފަ އެވެ. ނަމަވެސް ބައެއްމީހުން ގެއްލިފައި ވާތީ މަރުވި މީހުންގެ ލިސްޓަށް މީހުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އިންޑިޔާގެ ފުލުހުންބުނެ އެވެ.

"އަކުވާމެރިން" ނަމަކަށްކިޔާ ޓޫރިސްޓް މިއުޅަނދު ބަންޑުންޖަހާލި ސަބަބެއް އަދި ނޭނގެ އެވެ. މިދުވަސްވަރަކީ އެސަރަހައްދުގައި ކަނޑުގަދަ ދުވަސްވަރެއް ނަމަވެސް ތޫފާނެއް ނޫނީ ގަދަ ވިއްސާރައެއް މިދިވަސްވަރު އެސަރަހައްދުގައި ނެތްކަމަށް ޚަބަރުތައް ބުނެ އެވެ. އިންޑިޔާގެ ފުލުހުން ވަނީ މިބޯޓު ބަންޑުންޖަހާލި ސަބަބު ހޯދުމަށް ޓަކައި ތަހްގީގްތައް ކުރަމުން ގެންދާކަން ހާމަކޮށްފަ އެވެ. ގިނަ އަދަދަކަށް ތޫފާން އަންނަ ބެންގޯލް ކަނޑުއޮޅިއަށް އެތަށް އުޅަނދެއް ފާއިތުވި މަސްތަކުގައި ފެތިފައިވާ އިރު މީގެ ތެރޭގައި މިޔަންމާގެ ރޮހިންގްޔާ މުސްލިމް ދަރިކޮޅުގެ މީހުން ގޮވައިގެން އަވަށްޓެރި ގައުމުތަކަށް ދަތުރުކުރި އުޅަނދުތައް ވެސް ހިމެނެ އެވެ.

ބެންގޯލް ކަނޑު އޮޅި ހިއްސާކުރާ ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް އާއި އިންޑިޔާގެ އިތުރުން މެލޭޝިޔާ، މިޔަންމާ، ސްރީލަންކާ އަދި އިންޑޮނީޝިޔާ ހިމެނެ އެވެ. އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ވަނީ މިހާދިސާއާ މެދު ހިތާމަކުރައްވާކަން ހާމަކުރައްވައި މަރުވި މީހުންގެ ޢައިލާތަކަށް ތައުޒިޔާ ފޮނުއްވާފަ އެވެ. (ބީ.ބީ.ސީ)