27 Jan 2014, 01:12
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ހޯރަފުށީ ދާއިރާއަށާއި ތުޅާދޫ ދާއިރާއާ އަދި ފުވައްމުލަކު މެދު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާނެ ތިން ކެންޑިޑޭޓުން ކަށަވަރުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވައި ޕާޓީގެ ޓިކެޓް މިއަދު ކަށަވަރުވި ތިން ބޭފުޅުންގެ ތެރޭގައި ތުޅާދޫ ދާއިރާގެ މިހާރުގެ މެމްބަރު ނާޒިމް ރަޝާދު ވެސް ހިމެނެ އެވެ. އަމިއްލަ ގޮތުން 2009 ވަނަ އަހަރު މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވައި، ކާމިޔާބު ހޯދެއްވި ނާޒިމް ރަޝާދު އެ ގޮނޑި ދިފާއު ކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯދެއްވީ ބޮޑު އަގުލަބިއްޔަތަކުންނެވެ. ތިން ކެންޑިޑޭޓުން ވާދަ ކުރެއްވި ތުޅާދޫ ދާއިރާއިން ނާޒިމް ރަޝާދު ވަނީ 494 ވޯޓު ހޯއްދަވާފަ އެވެ. އޭނާއަށް ވޯޓު ލިބުނު އަދަދާ ކައިރި ކުރެވޭ ވަރަށް އެހެން އެއްވެސް ކެންޑިޑޭޓަކަށް ވޯޓެއް ލިބިފައެއް ނުވެ އެވެ.
ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މަޖިލިސް ޓިކެޓް ކާމިޔާބު ކުރެއްވީ ހައުސިން މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކަރެޓަރީ އަދި ރާއްޖެ ޓީވީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަލީމް (ސައްލެ) އެވެ. ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ ޓިކެޓް ހޯއްދެވީ އަހުމަދު އިބްރާހިމް ދީދީ (ކެމްޕަސް ޑީޑީ) އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި މިއަދު ވަނީ މާމިގިއްޔާއި މަކުނުދޫ އާއި ވިލުފުށީ ދާއިރާ އަދި ގެމަނަފުށީ ދާއިރާގެ ވޯޓުލުން ބާއްވާފަ އެވެ. މާމިގިއްޔާއި މަކުނުދޫ އާއި ތުޅާދޫ ދާއިރާތަކުން ވޯޓުލުން ބޭއްވީ މާލޭގަ އެވެ. އަދި ވިލިފުށީ ދާއިރާގެ ވޯޓުލުން މާލޭގަ އާއި އެ ދާއިރާގެ ބުރުނީގައި ވެސް ބޭއްވި އެވެ. އަދި ގެމަނަފުށީ ވޯޓުލުން ބޭއްވީ މާލެ އާއި އެ ދާއިރާގެ ދެއްވަދޫގަ އެވެ.
އެ ދާއިރާތަކުން ޕާޓީގެ ޓިކެޓް ކަށަވަރުވި ބޭފުޅުން އިނގޭނީ ދާއިރާގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމުންނެވެ.
އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ގޮތުން އެ ޕާޓީގެ އެޑުވައިޒަރީ ކޮމެޓީގެ މެންބަރު އަލީ ނިޔާޒު މިއަދު ވިދާޅުވީ ބާކީ ހުރި ދާއިރާތަކުގެ ވޯޓުލުން ބާއްވާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.