ކީރީތީ ގުރުއާނުގެ އިލްމު ފެތުރުމާ ބެހޭ އެއްބަސްވުމެއްގައި އިސްލާމިކް މިނިސްޓްރީ އާއި ގުރުއާން ތަދުބީރު ކުރުމާއިބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާއާއެކު ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިރޭ އޮތް ބައްދަލުވުމެއްގައި ކީރީތީ ގުރުއާނުގެ އިލްމު ފެތުރުމާއި ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އެ ޖަމިއްޔާގެ ފަރާތުން ސޮއި ކުރެއްވީ ސައުދީ އަރަބިއްޔާގެ މުސްލިމް ސްކޮލާސް އެސޯސިއޭޝަންގެ ރައީސް ޑރ. ނާސިރު އަލް އުމަރެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ކީރީތި ގުރުއާނުގެ އިލްމު ފެތުރުމުގެ ކަންތައް ކުރިއަށް ދާނީ ކީރީތި ގުރުއާނާއި ބެހޭ މަރުކަޒުގެ ތެރެއިން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް 11 ބޭފުޅުންގެ ވަފުދު ރާއްޖެ އައިސްފައި ވަނީ މިދިޔަ ހަފްތާގަ އެވެ.

ޝަހީމް ވިދާޅުވީ އެބޭފުޅުންގެ ދަތުރުގައި ކުއްލިޔާ އާއި ގުރުއާނާއި ބެހޭ މަރުކަޒާއި ޔުނިވަސިޓީގެ އިތުރުން އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވި ކަމަށެވެ. އަދި އެބޭފުޅުންގެ އެންމެ ބޮޑު އަމާޒަކަށްވީ ކީރީތި ގުރުއާނުގެ އިލްމު ރާއްޖޭގައި ފެތުރުމަށް އެއްބާރުލުން ދެއްވުން ކަމަށާއި އެގޮތުން ކީރީތި ގުރުއާނާ ބެހޭ މަރުކަޒުގެ އެކިއެކި ޕްރޮގާރާމްތަކަށް 1.6 މިލިއަން ރުފިޔާގެ އިނާޔާތެއް ދެއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ކީރީތި ގުރުއާނާ ބެހޭ މަރުކަޒުގައި ދުރުން ތައުލީމުދޭ ސިސްޓަމެއް ގާއިމު ކުރުމަށާއި ގުރުއާނާއި ބެހޭ އެކިއެކި ޒަމާނީ ވަސީލަތްތަކުގެ މައްޗަށް އެކުލެވޭ ސެންޓަރެއް ގާއިމު ކުރުމަށް ވަނީ ނިންމާފަ އެވެ.

"މިއީ އަދި ކުޑަކުޑަ އެހީއެއް ކަމަށް ވިދާޅުވި. ކުރިއަށް އޮތްތަނުގައި އެފަދަ އިތުރު ބޮޑެތި އެހީތައް ދެއްވާނެ ކަމަށް އެބޭފުޅުން ވިދާޅުވި،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު އަދި ވިދާޅުވީ ކުއްލިޔާއަށް ވަޑައިގެން އެތަން ތަރައްގީ ކުރަން ދެވެން އޮތް އެހީތެރިކަން ދެއްވާނެ ކަމަށާއި ހާއްސަކޮށް ޑރ. ނާސިރު ލިއްޔުއްވާފައި ހުރި ފޮތްތައް ކުއްލިޔާ މެދުވެރިކޮށް ތަރުޖަމާކޮށްދިނުމަށް ފަންޑުދެއްވުމަށް ނިންމާފައިވާ ކަމަށެވެ.

ސައުދީގެ ވަފުދުން ޔުނިވަސިޓީއާއި އެކު ބޭއްވި ބައްދަލުވުމުގައި ރިޔާޒުގެ އެކިއެކި ޔުނިވަސިޓީ ތަކުންނާއި އިންޑޮނޭޝިއާގައި ހުރި ރިޔާޒުގެ ޔުނިވަސިޓީން ފުރުސަތުތައް ހޯއްދަވައިދެއްވުމަށް މަގުފަހި ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ ޑރ. ނާސިރު ރާއްޖެ ވަޑައިގެން މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެބޭފުޅުން ރާއްޖެވަޑައިގަތީ އަމިއްލަފުޅު ހަރަދުގައި ކަމަށާއި ހުރިހާ ހަރަދެއް ކުރެއްވީ ވެސް އަމިއްލަ ފުޅަށް ކަމަށެވެ.

ގުރުއާނާއި ބެހޭ އިލްމު ތަދުބީރު ކުރުމުގެ އިލްމު ފެތުރުމާއި ބެހޭ ބައިނަލްއަގުވާމީ މުއައްސަސާގެ ރައީސް ފަޟީލަތުއް ޝެއިޚް ޑރ. ނާސިރުލް އުމަރަކީ އަޒުހަރު ޔުނިވަސިޓީގައި ކިޔަވައިދެއްވި ބޭފުޅުކެވެ. އެގޮތުން ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންނަށް ވެސް އެބޭފުޅާ ކިޔަވައިދެއްވި އެވެ.