27 Jan 2014, 00:14
އިނގިރޭސި އެފްއޭ ކަޕްގައި މިރޭ ސްޓޯކް ސިޓީ ކޮޅަށް ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު އޮސްކާ ޖަހައިދިން ލަނޑާއެކު އެޓީމު އަތުން 1-0 އިން މޮޅުވެ ޗެލްސީ އެ މުބާރާތުގެ ފަސްވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
މެޗުގެ 27 ވަނަ މިނިޓުގައި ޗެލްސީއަށް ކުރިހޯދައިދިން ލަނޑު އޮސްކާ ކާމިޔާބުކުރީ އެޓީމަށް ލިބުނު ހިލޭ ޖެހުމަކުންނެވެ.
މި ނަތީޖާއާ އެކު ފަސްވަނަ ބުރުގައި ޗެލްސީ ވާދަކުރަން ޖެހޭނީ އިއްތިހާދު ސްޓޭޑިއަމްގައި މެންޗެސްޓާ ސިޓީއާ އެވެ. އަދި ފަސް ވަނަ ބުރުގައި އާސެނަލް އަމިއްލަ ދަނޑުގައި އެޓީމު ކުޅެން ޖެހެނީ ލިވަޕޫލާ ދެކޮޅަށެވެ.
އެފްއޭ ކަޕްގައި މިރޭ ކުޅުނު އަނެއް މެޗުގައި ޝެފީލްޑް ޔުނައިޓެޑާއި ފުލަމް ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެހެން ކަމުން މި ދެޓީމުގެ ތެރެއިން ފަސްވަނަ ބުރަށްދާ ޓީމެއް އެނގޭނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކުޅޭ ރިޕްލޭ މެޗަށް ފަހު އެވެ.
މެޗަށްފަހު ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނީ، ގަދަ 16ގެ ބުރުގައި ރަށުން ބޭރުގައި ސިޓީއާ ދެކޮޅަށް ކުޅެން ޖެހުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.
"އެއީ މައްސަލައެއް ނޫން. މޮޅު ޓީމަކަށް ވާން ބޭނުމިއްޔާ ކުޅެން ޖެހޭނީވެސް މޮޅުޓީމަކާ ދެކޮޅަށް. އެހެން ވީމާ މިއީ އަހަރެމެންނަށް ރަނގަޅަށް ވީކަމެއް. ކޮންމެވެސް އެއް ޓީމެއް މޮޅުވެގެން ނިމޭނީ،" މޮރީނިއޯ ބުންނެވެ.
މެޗާ ބެހޭގޮތުން ފުލަމްގެ ކޯޗު މާކް ހިއުސް ބުނީ، މެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ގޯސް ކަންތައްތަކަށް ވުރެ ގިނައިން ފެނިގެން ދިޔައީ ރަނގަޅު ކަންތައްތައް ކަމަށެވެ. އަދި ޗެލްސީ ކާމިޔާބުކުރި ލަނޑަކީ "ފެންޓާސްޓިކް" ގޯލެއް ކަމަށްވީ ނަމަވެސް އެއީ ލިބެންޖެހޭ ހިލޭ ޖެހުމެއް ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށް ވެސް ހިއުސް ބުންޏެވެ.