26 Jan 2014, 23:41
އޭޝިއާގެ ގިނަ ގައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ އެއް މަގަކީ ސިންގަޕޫރު މަގެވެ. ސިންގަޕޫރާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ކުރާ ހަމައެކަނި އެއާލައިނަކަށް މީގެ ކުރިން ސިންގަޕޫރުގެ ގައުމީ އެއާލައިން، ސިންގަޕޯ އެއާލައިންސް އޮތް ނަމަވެސް މިއަދު މިވަނީ ސިންގަޕޫރުން އިތުރު އެއާލައިނެއްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފަ އެވެ.
ސިންގަޕޫރުގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ޓައިގާއެއާގެ ރަސްމީ ދަތުރުތައް މިދިޔަ ހުކުރު ދުވަހު ފަށާފައިވީނަމަވެސް އެ އާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ރަސްމީކޮށް ފެށުން އިއުލާން ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ގައެވެ.
އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ފްލައިޓް އެއާޕޯޓަށް ޖެއްސުމަށްފަހު ބޭއްވި ރަސްމިއްޔާތުގައި އައިއެންއައިއޭ ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓަސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް ވަނީ ޓައިގާއެއާ އިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުން އެ އެއާލައިނުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޓައިގާއެއާގެ ދަތުރުތައް، މާކެޓަށް ބަލާފައި އިތުރު ކުރާނެ ކަމަށް ވެސް ބަންދު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖެއަށް ދަތުރުތައް ކުރާ ގައުމު ތަކުގެ ތެރެއިން އެންމެ ގިނަދުވަސްވީ އެއް ގައުމަކީ ސިންގަޕޫރު ކަމަށާއި އެ ގައުމުން ރާއްޖޭގެ ޓޫރިޒަމް ތަރައްގީކޮށް ފުޅާ ކުރުމަށް އަގުހުރި މަސައްކަތްތަކެއް ކުރާކަމަށެވެ.
ބަޖެޓް އެއާލައިނެއްގެ ސީދާ ދަތުރުތައް ސިންގަޕޫރާއި ރާއްޖެއާއި ދެމެދު ފެށުމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރާނެ ކަމަށް ފާހަގަކުރައްވައި މިނިސްޓަރު ނާޒިމް ވިދާޅުވީ ޓައިގާއެއާ ފަދަ ބަޖެޓް އެއާލައިނެއްގެ ސަބަބުން ސަރުކާރުން ހާސިލްކުރަން ބޭނުންވާ ލަޅުދަނޑިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ ގިނަ އެއާލައިންތަކެއްގެ އުދުހުންތައް ރާއްޖެއަށް ފަށަން ނިންމާފައިވާއިރު އެއާޕޯޓް މިހާރަށްވުރެ ބޮޑަށް ތަރައްގީކޮށް ކުރިއެރުމަށްޓަކައި ސަރުކާރުން ބޮޑު އިސްކަމެއްދޭ ކަމަށެވެ. އެގޮތުން އެއާޕޯޓަށް ޖައްސާ ފްލައިޓްތައް މަޑުކުރުމަށް ބޭނުންވާ އޭޕްރަން ބޮޑުކޮށް އިތުރު ރަންވޭއެއް އެޅުމުގެ މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޓައިގާއެއާގެ ސީދާ ދަތުރުތައް ރަސްމީކޮށް ފެށުމަށް މިއަދު އެއާޕޯޓުގައި ޖެއްސި ޓައިގާއެއާގެ ފްލައިޓުން ރާއްޖެއައި އެ އެއާލައިންގެ ޗީފް އޮޕަރޭޓިން އޮފިސަރު، ހަން ޔަންގް ސަން ވިދާޅުވީ ޓައިގާއެއާގެ ފްލައިޓްތަކަށް ލިބޭ ތަރުހީބަށް ބަލާފައި ހަފްތާއަކު ހަތް ދަތުކުރަންވެސް މައްސަލައެއް ނެތްކަމަށެވެ.
ޓައިގާއެއާގެ ސްޓޭޝަން ރިޕްރެޒެންޓޭޓިވް ވޮޔޭޖަސް މޯލްޑިވްސްގެ އޭވިއޭޝަން ސާވިސްގެ މެނޭޖަރު މަހްޖޫބު އަބްދުﷲ މިއަދު ވިދާޅުވީ ޓައިގާއެއާގެ ޓިކެޓް އެ އެއާލައިންސްގެ ވެބްސައިޓުންނާއި އޭސް ޓްރެވަލްސްއިން ހަމަޖެހޭނެ ކަމަށެވެ. އަދި އެއާލައިންގެ އަގު އުޅޭނީ އެކިވަރުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ފްލައިޓުން ކާން ނަގާ އެއްޗަކަށް ފައިސާ ދައްކަންޖެހޭނީ ވަކިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އެއާލައިންގެ ފީ ވޭރީވާނެ. އެއީ ބަޖެޓް އެއާލައިނެއްވީމަ އަވަހަށް ނަގައިފިއްޔާ އަގު ހެޔޮވާނެ. ފަހަށް ނަގަން އުޅެފިއްޔާ އަގު ބޮޑުވާނެ. ވަކި ހާއްސަ ޕްރޮމޯޝަނެއް ނޯންނާނެ،" މަހްޖޫބް ވިދާޅުވި އެވެ.
ރާއްޖެއިން ސިންގަޕޯއަށް ޓައިގާއެއާ ލައިޓް ޓިކެޓެއްގެ އަގު 157.50 ޑޮލަރު (2428.65 ރުފިޔާ) އަށް އުޅޭއިރު ސިންގަޕޯއިން ރާއްޖެއަށް ޓައިގާއެއާ ލައިޓް ޓިކެޓެއްގެ އަގު އުޅެނީ 162.12 ޑޮލަރު (2499.89 ރުފިޔާ) އަށެވެ.
ޓައިގާއެއާ އަކީ މިހާރު ރާއްޖެއަށް ދަތުރުތައް ކުރަމުން ގެންދާ ތިން ވަނަ ބަޖެޓް އެއާލައިން އެވެ. އެގޮތުން ރާއްޖެއަށް ދަތުރުކުރާ ބަޖެޓް އެއާލައިންތަކުގެ ތެރޭގައި މެލޭޝިއާގެ ލޯކޯސްޓް ކެރިއަރެއް ކަމަށްވާ އެއާ އޭޝިއާ އެކްސް އާއި ދުބާއީގެ ބަޖެޓް އެއާލައިންއެއް ކަމަށްވާ ފްލައިދުބާއީ ވެސް ހިމެނެއެވެ.