26 Jan 2014, 23:07
ގާނާގެ ގާއުމީ ޓީމުގެ ކުރީގެ ޑިފެންޑަރެއް ކަމަށްވާ އުމުރުން 25 އަހަރުގެ ޖޮނަތަން ކުއާޓޭ، ރާއްޖޭގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.
ގާނާގެ ގައުމީ ޓީމުގައި، މައިކަލް އެސިއެން އާއި ސުލޭ މުންތާރީ އާއި އަސަމޯ ގިޔާން ފަދަ ފުޓްބޯޅައިގެ ހުނަރާއި ތަޖުރިބާހުރި ކުޅުންތެރިންނާއެކު ކުޅެފައިވާ ޑިފެންޑަރު ނިއުއަށް ސޮއިކޮށްފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.
ނިއުގެ ބޯޑު މެންބަރު އަހުމަދު ޒަރީރު (ޒައްރެ) މިރޭ "ސަން" އަށް ވިދާޅުވީ، އެޓީމުގެ ކުރީގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ)ގެ ބަދަލުގައި ގެނައި މި ޑިފެންޑަރު މިމަހުގެ 29 ގައި ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނޭ ކަމަށެވެ.
ގާނާގެ ޑިފެންޑަރެއް ނިއުއާ ގުޅުނުއިރު އެ ކަލްބުން ވަނީ، މި ސީޒަނުގައި ކްލަބު ވަރުގަދަ ކުރުމުގެ ގޮތުން ގާނާގެ ފޯވާޑެއް ވެސް ހޯދައިފަ އެވެ. ތައިލެންޑް ޕްރިމިއާ ލީގުގެ އިތުރުން ގާނާގެ ޕްރިމިއާ ލީގަށް ވެސް ކުޅެފައިވާ އުމުރުން 25 އަހަރުގެ އިވާން ރުސް މެންސާ ނިއުއަށް ސޮއިކުރީ އިއްޔެގެ ވަގުތެއްގަ އެވެ.
ނިއުއަށް އަލަށް ގުޅުނު ޑިފެންޑަރު ވަނީ، ގާނާގެ ގައުމީ ޓީމަށް ނުވަ މެޗު ކުޅެފަ އެވެ. އަދި އޭނާ ވަނީ، 2005 ވަނަ އަހަރު ޕެރޫގައި އޮތް 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ޗެމްޕިއަންޝިޕްގައި ގާނާގެ 17 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފަ އެވެ.
ކުއާޓޭ އެންމެ ފަހުން ކުޅެފައިވަނީ، 2012 ވަނަ އަހަރު ވިއެޓްނާމްގެ ވީ ލީގު ދޭއްގެ ކްލަބެއް ކަމަށްވާ ހަނޯއީ އޭސީބީ އާއި ހަމަ އެއަހަރު ގާނާގެ ގްލޯ ޕްރީމިއާ ލީގު ކްލަބެއް ކަމަށްވާ އަޝާންތީ ގޯލްޑް ސްޕޯޓިން ކްލަބަށެވެ.
ސައުތު އެފްރިކާގެ ލީގަށް ކުޅޭ ކައިޒާ ޗީފް އެފްސީއަށް 2009 ވަނަ އަހަރު ކުއާޓޭ ކުޅުނުއިރު އޭނާ ވަނީ، މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އެޓީމު ކުޅުނު މެޗެއްގައި ޔުނައިޓެޑްގެ ތަރި، ރަޔާން ގިގްސް ފަދަ ތަޖްރިބާކާރު ކުޅުންތެރިންނާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ހޯދައިފަ އެވެ.
ނިއު އިން ބުނީ، އެ ކްލަބަށް މިސީޒަންގައި ދެން އިތުރު ކުޅުންތެރިން ހޯދާނީ، ސީޒަންގައި ކްލަބު ކުރިއަށްދާ ގޮތަށް ބަލާފައި ކަމަށެވެ.