ޓޫރިޒަމް އިންޑަސްޓްރީ ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ)ގެ 2011 ވަނަ އަހަރުގެ އެގްޒެކެޓިވް ބޯޑު މެމްބަރުން މިއަދު އިންތިހާބުކޮށްފި އެވެ.


މަޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ދަރުބާރުގޭގައި މިއަދު ބޭއްވި މަޓީގެ އަހަރީ އާއްމު ޖަލްސާގައި މަޓީގެ އެގްޒެކެޓިވް ބޯޑަށް މެމްބަރުން އިންތިހާބު ކުރުމުގެ އިތުރަށް، ނިމިދިޔަ އަހަރު މަޓީން ހިންގި ހަރަކާތްތަކާއި ކުރި މަސައްކަތްތަކުގެ ރިޕޯޓް މެމްބަރުންނަށް ހުށަހެޅި ކަމަށެވެ.


މިއަދު އިންތިހާބު ކުރި މަޓީ ބޯޑުގައި، އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އިބްރާހީމް ފިޔަވައި މުޅިން ވެސް ތިއްބެވީ މިހާރު ވެސް އެ ބޯޑުގައި ތިއްބެވި ބޭފުޅުންނެވެ.


މަޓީން ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން އަންނަ އަހަރު މަޓީ ހިންގާނެ 13 މެމްބަރުންގެ ބޯޑުގައި ހިމެނެނީ، މިހާރުގެ ވެސް ޗެއާމަން މުހައްމަދު އުމަރު މަނިކާއި ވައިސް ޗެއާމަން ހުސެއިން އަފީފާއި ވައިސް ޗެއާމަން ގާސިމް އިބްރާހިމާއި ސެކްރެޓަރީ ޖެނެރަލް ސިމް އިބްރާހިމް މުހައްމަދާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ނޫރައްދީން އާއި ފައިނޭންޝަލް ކޮންޓްރޯލާ އަހުމަދު ނަޒީރާއި އެގްޒެކެޓިވް ބޯޑު މެމްބަރުންގެ ގޮތުގައި އިންތިހާބުކޮށްފައިވާ ފަސް ބޭފުޅުން ކަމުގައިވާ އަބްދުﷲ ސައީދާއި އަހްމަދު ސިޔާމް މުހައްމަދާއި ސަލާހް ޝިހާބާއި ހުސެން ހިލްމީއާއި އަހްމަދު މުޖްތަބާގެ އިތުރުން ވިޝާ މާހިރާއި އިބްރާހިމް ޖިހާދެވެ.


މަޓީން ނެރުނު ނޫސްބަޔާނުގައި ބުނަނީ، މިއަދު ބޭއްވި އަހަރީ ޖަލްސާގައި އުމަރު މަނިކު ދެއްކެވި ވާހަކަފުޅުގައި މި އަހަރު ދިމާވި ބޮޑެތި ގޮންޖެހުންތަކާއި އަދި ސިޔާސީ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު ޓޫރިޒަމް އިންޑަސްޓްރީން ސަމާލުވާންވީ ކަންކަމުގެ މައްޗަށް އޭނާ އަލިއަޅުއްވާލެއްވި ކަމަށެވެ. އަދި "ވިޔަފާރި ދަށްވެ އާމްދަނީ ހީނަރުވެފައިވާ ވަގުތެއްގައި ހިންގުމުގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތަކާ މެދު ފުންކޮށް ވިސްނަންވެއްޖެކަން" އޭނާ ފާހަގަކުރެއްވި ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ.


މަޓީއަކީ 1982 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ހަރަކާތްތެރިވަމުން އަންނަ އަމިއްލަ ޖަމިއްޔާ އެކެވެ.