ބޭސްފަރުވާ އަށާއި ޓޫރިޒަމްގެ ބޭނުމަށް ވިސާއާ ނުލައި ދިވެހިންނަށް އިންޑިއާ އަށް ދަތުރުކުރެވޭނެ ކަން އެގައުމުން ރަސްމީކޮށް މިރޭ އިއުލާން ކޮށްފި އެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ހާއްސަ ހަފުލާއެއްގައި އެކަން އިއުލާން ކުރެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ އެވެ. އެކަން އިއުލާން ކުރެއްވުމަށް ފަހު ޝަހާރޭ ވިދާޅުވީ މިއީ އިންޑިއާ އިން އެހެން އެއްވެސް ގައުމަކަށް ނުދޭ ފުރުސަތެއް ކަމަށެވެ.

"ވިސާގެ އެއްވެސް ދަތިކަމެއް ދެން ނޯންނާނެ. ބޭސްފަރުވާގެ ބޭނުމަށް ވެސް، އަދި ޓޫރިޒަމްގެ ބޭނުމަށް ވެސް ދިވެހިންނަށް ވިސާއަކާ ނުލައި އިންޑިއާއަށް ދަތުރުކުރެވޭނެ. އަދި (ދެދަތުރު ގެ ދެމެދުގައި) ދެ މަސް ދުވަހު މަޑުކުރާކަށް ވެސް ނުޖެހޭނެ. މިއީ އެހެން އެއްވެސް ގައުމަކަށް ނުދޭ، ވަރަށް ހާއްސަ ފުރުސަތެއް،" ޝަހާރޭ ވިދާޅުވި އެވެ.

ވިސާގެ ކަންތައް މިގޮތަށް ހަމަޖެއްސީ ރައީސުލްޖުމްހޫރިއްޔާ ޔާމީނު އަބުދުލްގައްޔޫމުގެ އެދިވަޑައިގަތުމަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ހަފުލާގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ޑިފެންސް މިނިސްޓަރް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު ބައިވެރިވަޑައިގެންނެވި އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރުމަށް ފާހަގަ ކުރި "ދޯސްތީ- އެކުވެރިކަން ހަފުތާގެ ނިމުން ވެސް ފާހަގަ ކުރިއެވެ. އެގޮތުން އެހަފުތާގައި ބައިވެރިވި މުހިއްމު ފަރާތްތަކަށް ހަނދާނީ ލިއުން ދިނުން ހަފުލާގައި އޮތެވެ.