26 Jan 2014, 19:38
ފުލުހުންގެ އިންޓަލިޖެންސްގެ ކުރީގެ ޑިރެކްޓަރު ސަބުރާ އިބްރާހީމް ނޫރައްދީންގެ ކިބައިން މައާފަށް އެދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަންގައި ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުން އެގޮތަށް އަމުރުކޮށްފައި ވަނީ ސަބުރާ އެ ކޯޓަށް ހުށަހެޅުއްވި މައްސަލައެއް ބެލުމަށްފަހު އެވެ.
ސަބުރާ އެ ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް ޕޮލިސް ސާވިސް އިން އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީގެ 244 ވަނަ މާއްދާ އާއި ފުލުހުންގެ ގާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ލިބިދީފައިވާ ބާރުތަކުގެ ތަރަހައިގެ ބޭރުން ކަމަށް ބުނެ އެވެ.
ހައިކޯޓުން ކުރި ހުކުމަކަށް ވެސް ރިއާޔަތްކުރުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ސަބްރާ ހައްޔަރުކުރިކަމަށް ފުލުހުންގެ ރެކޯޑުތަކުގައި އޮތްއޮތުން ބާތިލްކުރުމަށް ވަނީ އަންގައިފަ އެވެ.
ފުލުހުންގެ ފަރާތުން ސަބްރާއަށް ކުރިމަތި ކުރުވި ކަންކަމުގެ ބަދަލެއްގެ ގޮތުގައި ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ) ގެ އެއްވަނަ ނަންބަރާއި ގާނޫނު އަސާސީގެ 58 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، ސަބުރާގެ ކިބައިން ލިޔުމުން މައާފަށް އެދުމަށް ފުލުހުންނަށް އަންގައި ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.