26 Jan 2014, 19:09
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައި ވާދަކުރައްވާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ޕީޕީއެމުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅިނަމަވެސް ޕްރައިމަރީއަށް ކޮލިފައިވާ މީހުން ކަނޑައަޅާނީ އެކަމަށް ޚާއްސަކުރެވިފައިވާ މިންގަނޑުތަކަށް ބެލުމަށްފަހު ކަމަށެވެ.
އެ މިންގަނޑުތަކުގެ ތެރޭގައި ޕާޓީގެ ފިކުރު ހިފެހެއްޓުމާއި، ޕާޓީއަށް އެމީހެއްގެ ފަރާތުން ޚިދުމަތް ލިބިފައިވާ މިންވަރާއި، ރިޔާސީ އިންތިޚާބުގައި ޕާޓިގެ ކެންޑިޑޭޓަށް ކެމްޕެއިން ކޮށްދީފައި ވުމާއި، ރައްޔިތުންގެ މަޖިލީހުގެ ތަޖުރިބާ ލިބިފައިވާ މީހުންނާއި، އަދި ޕާޓީން ޚާއްސަ ސަމާލުކަމެއްދޭ ގިންތިއަކަށް ނިސްބަތްވާ ނަމަ އެކަމަށް ވެސް ބެލުމަކީ ވެސް އެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޕްރައިމަރީގައި ވާދަކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޓު ކުރުމުގައި 75 ޕަސެންޓަށްވުރެ މަތިން މާކްސް ހޯދާ ފަރާތްތަކަށް ފުރުސަތު ލިބިގެންދާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހަށް 85 ފަސް ދާއިރާއަކަށް މިފަހަރު މެންބަރުން އިންތިހާބުކުރަން ޖެހޭއިރު، ޕީޕީއެމްގެ ޓިކެޓުގައި 49 ދާއިރާއަކަށް ވާދަކުރާނެ އެވެ. ބާކީ 36 ދާއިރާ ވަނީ، ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ މެދުގައި ބަހާލައިފަ އެވެ.
ޕީޕީއެމުން ބުނެފައިވަނީ އެޕާޓިގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން މިމަހުގެ 28ވާ އަންގާރަ ދުވަހުގެ 4:00 އާ ކަމާބެހޭ ލިޔުންތައް ޕާޓީގެ އޮފީހަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.