ދުވާލުގެ ވަގުތުގައި އެންމެ މަތީ މިންވަރުގެ ކަރަންޓްގެ 50 ޕަސެންޓް އަވިން އުފެއްދޭ ވަރުގެ ނިޒާމެއް ގާއިމް ކުރަން ސަރުކާރުން މިއަދު ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މޫކައި ސުވީޓްސްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމަސައްކަތް ހަވާލުކުރެއްވީ ސީއީސީއީޕީ އޮއެސިސް ނިއު އެނަޖީ ނަމަކަށް ކިޔާ ޗައިނާގެ ކުންފުންޏަކާ އެވެ.

އެކުންފުންޏާ އެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ތިނަދޫގައި އަވިން ހަކަތަ އުފައްދާ 250 ކިލޯވޮޓްގެ ނިޒާމެއް ހަތް މަސް ދުވަހުގެ ތެރޭގައި ގާއިމް ކުރާނެ ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުންޏެވެ. އަދި ބުނީ އެނިޒާމު ގާއިމްކުރުމުން ތިނަދޫގައި އަވިން އުފައްދާ ހަކަތައިގެ މިންވަރު 558 ކިލޯވޮޓަށް އިތުރުވެގެންދާނެ ކަމަށެވެ.
ސީއީސީއީޕީ އާ މިއަދު ހަވާލުކުރި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކަކީ ސޯލާ ޕެނަލް ހަރުކުރުމާއި އިންވާޓަރާއި ކޮންޓްރޯލް ޕެނަލާއި އެނިޒާމަށް ބޭނުންވާ އެހެނިހެން ބައިތައް ގާއިމް ކުރުމެވެ. އެކުންފުންޏާ މަޝްރޫއު ހަވާލުކޮށްފައި ވަނީ 7.4 މިލިޔަން ރުފިޔާގެ އަގަކަށެވެ.

މަޝްރޫއުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމެވެ. އަދި ސީއީސީއީޕީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރް ޒިން ކުއާ ކުއެން އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ހުރިހާ ރަށެއްގައި ވެސް ބޭނުންކުރާ ކަރަންޓްގެ މަދުވެގެން 30 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަ ކަމުގައި ހެދުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ތެލަށް ބަރޯސާ ކުރާ މިންވަރު ވީހާ ވެސް ކުޑަކުރުން. ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އުފައްދާ ހަކަތައިގެ މަދުވެގެން 30 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަ ކަމުގައި ހެދުން،" މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.