26 Jan 2014, 16:06
އާމްދަނީގެ ބިލްތައް ދިރާސާ ކުރުމަށް މިއަދު އުފެއްދި ސަބް ކޮމެޓީން އެ ބިލްތައް ފާސް ކުރުމާއި ނުކުރުމުގެ ބާރު ޑީއާރްޕީގެ ވަގުތީ ލީޑަރު އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ހަމައެކަނި މެމްބަރު، މުހައްމަދު ނަޝީދު (ކާނަލް)އަށް ލިބިއްޖެ އެވެ.
ކާނަލް ބުރަވާ ކޮޅަކަށް މެޖޯރިޓީ ލިބޭ ގޮތަށް ސަބް ކޮމެޓީއެއް އުފެއްދީ މުޅި މަޖިލިސް ކޮމެޓީ އަށް ގޮސްގެންނެވެ. މަޖިލީހަށް މިއަދު ބަލައިގަތް އާމްދަނީ އިތުރު ކުރުމުގެ ތިން ބިލް ދިރާސާ ކުރުމަށް އުފެއްދި ސަބް ކޮމެޓީގައި ހިމެނެނީ 11 މެމްބަރުންނެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަލީ އާރިފުގެ ހުށަހަޅުއްވުމަކަށް އުފެއްދެވި އެ ކޮމެޓީ އެކުލަވާލާފައި ވަނީ އެމްޑީޕީގެ ފަސް މެމްބަރުންނާއި ސަރުކާރު ކޯލިޝަނަށް ތާއީދު ކުރާ ފަސް މެމްބަރުންގެ މައްޗަށެވެ. ކޮމެޓީން ފަހު ބަސް ބުނާނެ މެމްބަރެއްގެ ގޮތުގައި ވަކިކޮޅަކަށް ނުޖެހި އިންނަވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު ކާނަލެވެ.
ކޮމެޓީގެ މުގައްރިރެއްގެ ގޮތުގައި އެމްޑީޕީގެ މެމްބަރަކު ހޮވުމުގެ ބާރު ވެސް ލިބިގެންވަނީ ކާނަލަށެވެ. އަދި މުގައްރިރަކަށް ވަޑައިގަންނަވާ ބޭފުޅަކަށް ވޯޓު އެއްވަރު ވެއްޖެ ހާލަތެއްގައި ވޯޓުގައި ބައިވެރިވެވޭނެ އެވެ. އަދި ވޯޓު އެއްވަރުވެއްޖެ ހާލަތެއްގައި މުގައްރިރަކު ވޯޓު ދެއްވާ ކޮޅަކަށް މެޖޯރިޓީ ލިބޭނެ އެވެ.
މަޖިލީހަށް މިއަދު ބަލައިގަތް ތިން ބިލަކީ ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް އަމީން ހުށަހެޅުއްވި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން މާވަށު ދާއިރާގެ މެމްބަރު އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު ހުށަހެޅުއްވި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަފީގު ހަސަން ހުށަހެޅުއްވި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
އެ ބިލްތައް ދިރާސާ ކުރަން އުފެއްދި ސަބް ކޮމެޓީގައި ހިމެނޭ ސަރުކާރަށް ތާއިދު ކުރާ ފަސް މެމްބަރުންނަކީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފުގެ އިތުރުން ކިނބިދޫ ދާއިރާގެ މެމްބަރު މޫސާ ރަމީޒެވެ. އެމްޑީޕީއަށް ނިސްބަތްވާ ފަސް މެމްބަރުންނަކީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާގެ އިތުރުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އެވެ. އެ ކޮމެޓީގެ ފަހު މެމްބަރަކީ ކާނަލެވެ.