ޝެރެޓަން މޯލްޑިވްސް، ފުލް މޫން ރިސޯޓް އެންޑް ސްޕާ ރިސޯޓްގައި އިހުތިޖާޖް ކުރަމުން ގެންދިޔަ މުވައްޒަފުން އިހިތިޖާޖް ހުއްޓާލައި މަސައްކަތް ފަށައިފި އެވެ.

އެ ރިސޯޓްގެ މުވައްޒަފަކު މިއަދު ބުނީ ރިސޯޓްގެ މުވައްޒަފުންތަކެއް އިއްޔެ އިން ފެށިގެން ކުރަމުން ގެންދިޔަ އިހުތިޖާޖު ހުއްޓާލައި މަސައްކަތަކަށް އެނބުރި ރުޖޫއަވެފައި ވަނީ އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރަކަށް ހުރި ޖަރުމަންގެ މީހާ އެމަގާމުން ދުރުކޮށް، އެމީހުންގެ ޑިމާންޑްތައް މެނޭޖްމަންޓުން ބަލައިގަތުމުން ކަމަށެވެ.

މީގެ އިތުރުން އިއްޔެ މަސައްކަތް ހުއްޓާލައިގެން އިހުތިޖާޖް ކުރަމުން ގެންދިޔަ އެއްވެސް މީހަކާ މެދު ފިޔަވަޅު ނާޅޭނެ ކަމަށް މެނޭޖްމަންޓުން ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން އެދުނިން ޖީއެމް ބަދަލުކޮށް، އަދި ސާވިސް ޗާޖް މުވައްޒަފުންނަށް ދެމުން ގެންދާ ގޮތް ނޯޓިސް ބޯޑަށް އެރުވުމަށާއި މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ވެސް ނައްތާލާނެ ކަމަށް ބުނެ މެނޭޖްމަންޓުން ސްޓާފުންނަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދިނީމާ އިހުތިޖާޖު ހުއްޓާލީ،" އޭނާ ބުންޏެވެ.

ސެރެޓަންގައި މިހާރު ހުރި ޖީއެމްގެ ބަދަލުގައި އާ ޖީއެމެއް އެ ރަށަށް ހަމަޖެއްސެންދެން އެކްޓިން ޖީއެމްއަކަށް އެގްޒެކެޓިވް އެސިސްޓެންޓް މެނޭޖަރު ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޝެރަތަން މޯލްޑިވްސްގައި ކުރި އިހްތިޖާޖުގައި ބަނގްލާދޭޝް އާއި ލަންކާ އަދި ދިވެހި މުވައްޒަފުންތަކެއް ވެސް އެ އިހުތިޖާޖްގައި ވަނީ ބައިވެރިވެފަ އެވެ.