14 Dec 2010, 11:27
އިންޑިއާގެ ކޮންމެ ސްޓޭޓަކުން ވެސް ދިވެހިންނަށް ލޭ ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ޑޯނާސްއިން (އެމްބީޑީ) ބުނެފި އެވެ.
އެމްބީޑީއަށް އެއް އަހަރު ފުރުމާ ގުޅިގެން ދަރުބާރުގެ ފަންސަވީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް ޝާކިރު މިއަދު ވިދާޅުވީ ދިވެހިން ލެޔަށް ބޭނުންވާ ވަގުތުތަކުގައި ލޭ ދޭނޭ މީހުން ނުވަތަ "ބްލަޑް ޑޯނާސް" އިތުރު ކުރުމަށް އެ ޖަމިއްޔާ އިން ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އިންޑިއާގެ ކޮންމެ ސްޓޭޓަކުން ދިވެއްސަކު ލޭ ބޭނުން ވިއަސް އެ މީހަކަށް ލޭ ފޯރުވައި ދިނުމުގެ ގާބިލުކަން މިހާރު އެ ޖަމިއްޔާ އަށް ވަނީ ލިބިފައި ކަމަށެވެ.
އިންޑިއާގެ އިތުރުން ސްރިލަންކާ އާއި އަފްޣާނިސްތާނާއި މޯރީޝަސް އާއި މެލޭޝިއާ ފަދަ ގައުމުތަކުން ވެސް ދިވެއްސަކު ލޭ ބޭނުން ނަމަ އެމްބީޑީ އަށް އެހީތެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުން ފެށިގެން އެމްބީޑީއަށް ލޭ ހަދިޔާކުރާ ކޮންމެ މީހަކަށް ވެސް، ލޭ ހަދިޔާކޮށް ނިމުމުން، ނެސްލޭގެ ޕްރޮޑަކްޓެއްގެ ރިފްރެޝްމަންޓެއް ކުރިއަށް އޮތް ތިން އަހަރު ދުވަސް ވަންދެން ލިބޭނެ ކަމަށް އެ ޖަމިއްޔާގެ ރައީސް މުހައްމަދު ހަމީދު ވިދާޅުވި އެވެ. އަދި ނެސްލޭ އާއި އެމްބީޑީއާ ދެމެދުގައި އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ނެސްލޭ އާއި އަޅުގަނޑުމެންނާ ދެމެދުގައި މިވަނީ އެމްއޯޔޫއެއްގައި ސޮއި ކުރެވިފައި. އަޅުގަނޑުމެންނަށް ލޭ ހަދިޔާ ކުރާ ކޮންމެ ޑޯނާއަކަށް ނެސްލޭގެ ބުއިމެއް ލިބޭނެ." ހަމީދު ވިދާޅުވި އެވެ.
އެމްބީޑީއަށް އެއް އަހަރު ވެފައިވާ އިރު އެމްބީޑީން 10،900 [ދިހަ ހާސް ނުވަސަތޭކަ] އަށް ވުރެ ގިނަ އަދަދެއްގެ މީހުންނަށް ލޭ ހޯދައި ދިނުމުގައި އެހީތެރިވެދީފައިވެ އެވެ.
"އަޅުގަނޑުމެން ދުވާލެއްގެ މައްޗަށް ފަންސަވީހާ ތިރީސް މީހުންނާ ދެމެދުގެ އަދަދަކަށް ޑޯނާސް ހޯދައި ދެން. އެހެންވީމާ އަހަރެއްގެ މައްޗަށް ހިސާބު ހައްދަވާލައްވާ. އަދިވެސް އިތުރު ޑޯނާސް ހޯދުމަށް އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން." ހަމީދު ވިދާޅުވި އެވެ.
އެމްބީޑީގެ ހަރަކާތްތައް އެންމެ ފުރަތަމަ ފެށިފައި ވަނީ ފޭސްބުކުގައި އެމީހުން 2006 ވަނަ އަހަރު ހެދި "މޯލްޑިވިއަން ބްލަޑް ޑޯނާސް" ކިޔާ ގުރޫޕަކުންނެވެ. ނަމަވެސް އޭގެ ފަހުން އެމީހުން ވަނީ 2009 ވަނަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހު ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފަ އެވެ. މިހާރު އެ ޖަމިއްޔާގައި 3،000 [ތިން ހާސް] މީހުންނަށް ވުރެ ގިނަ އަދެއްގެ މީހުން ރަޖެސްޓަރީކޮށްފައިވެ އެވެ. މިހާރު ވެސް ފޭސްބުކަކީ އެމީހުންގެ ޑޯނާސް ހޯދުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ވަސީލަތެއް ކަމަށް އެ ޖަމިއްޔާއިން ބުނެ