ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރައިމަރީއަކާ ނުލާ ޕާޓީގެ ޓިކެޓް ކަށަވަރުވެފައިވާ ކާށިދޫ ދާއިރާގެ މެމްބަރަށް އެ ޕާޓީގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ނުދިނުމަށާއި އަލުން އެ ދާއިރާގެ ޕްރައިމަރީޒް ބޭއްވުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިފި އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޮމިޓީން އެގޮތަށް ނިންމާފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރާ ދެކޮޅަށް އެކޮމިޓީ އަށް ހުށަހެޅިފައިވާ މައްސަލަތައް ބެލުމަށް ފަހު ކޮމިޓީގެ އިއްތިފާގުންނެވެ. މީގެ އިތުރުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރެއްގެ ގޮތުގައި ޖާބިރަށް ލިބިވަޑައިގެންފައިވާ މަގާމުތަކުން ވެސް އޭނާ ދުރުކުރުމަށް ކޮމިޓީން މިއަދު ވަނީ ނިންމައިފަ އެވެ.

ޖާބިރަށް އެ ދާއިރާގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ދިނުމަށް ކުރިން ނިންމާފައި ވަނީ އެ ދާއިރާ އަށް އިތުރު މެމްބަރަކު ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އޮޓަމެޓިކުން އެ ޓިކެޓް ޖާބިރަށް ލިބިފައިވާތީ އެވެ.

އެޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވީ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރެއްގެ މައްޗަށް ފިޔަވަޅެއް އެޅިކަން އެނގިވަޑައިގަންނަވާނީ އެކަން ފިޔަވަޅު އާޅާ ކޮމިޓީން ރަސްމީކޮށް އެންގެވީމާ ކަމަށެވެ. ނަމަވެސް އެފަދަ ނިންމުމެއް ނުނިންމަވާ ކަމެއް ވެސް ވިދާޅެއް ނުވެ އެވެ.

ކޮމިޓީން ފިޔަވަޅު އެޅުމަށް ނިންމެވި ގޮތެއް އަދި ޖާބިރުގެ އިތުރުން ފިޔަަވަޅު އެޅުމަށް ކޮމިޓީން ނިންމާފައިވަނީ ކިތައް މެމްބަރުންނާ މެދު ކަމެއް ވެސް މޫސަ ވިދާޅެއް ނުވެ އެވެ. ނަމަވެސް އެކަމުގެ ތަފްސީލް މާދަމާ މީޑިއާ އަށް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖާބިރާ ދެކޮޅަށް އެ ކޮމިޓީ އަށް ހުށަހެޅިފައިވާ މައްސަލައަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ވިޕްލައިންއާ ހިލާފަށް ވޯޓް ދެއްވި މައްސަލައާއި ގާނޫނުލް އުގޫބާތުގެ ބިލް ފާސްކުރުމަށް އެމްޑީޕީން ނެރެފައިވާ ވިޕްލައިނާ ހިލާފަށް އެ ބިލް މަޖިލީހުން ބޭރުކުރުމަށް ވޯޓް ދެއްވި މައްސަލައިގަ އެވެ.

އެމްޑީޕީގެ ތްރީލައިން ވިޕާ ހިލާފްވި މައްސަލާގައި ޖާބިރުގެ އިތުރުން އެ ޕާޓީގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމާއި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ރަޝީދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ އާއި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމްއާއި އަދި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވެސް ހިމެނިވަޑައިގެންނަވަ އެވެ.