ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ނިންމަވައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އަހްމަދު ރަޝީދު މިއަދު ވިދާޅުވީ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރަން ނިންމައި ސިޔާސީ ދާއިރާ އިން ދުރަށް ވަޑައިގަތުމަށް ވެސް މިހާރު ނިންމަވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފިކުރު ތަފާތުވާ މީހުންނާ އެކު މަސައްކަތް ކުރުމުގެ އިލްމާއި ހުނަރު ދަސްކުރާތަން ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކިބައިން ނުފެންނަ ކަމަށެވެ.

ފާއިތުވެ ދިޔަ ތަނުގައި "ސިޔާސީ ޖަޒުބާތުތެރޭގައި" އަމިއްލައަށް ގަބޫލުފުޅު ނުކުރެވޭ ވާހަކަތައް އެހެން ފަރާތްތަކަށް އަމާޒުކޮށް ދެކެވިފައިވާނެ މަށާއި އެކަމަށް ޓަކައި އެ ހުރިހާ ފަރާތްތަކުގެ ކިބައިން މައާފަށް އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ފިކުރު ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށާއި ފިކުރު ތަފާތުވި ނަމަވެސް އެންމެން އުޅެންޖެހޭނީ އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކުގައި ކަމަށް ވެސް އަހްމަދު ރަޝީދު ވިދާޅުވި އެވެ.

އަހްމަދު ރަޝީދު ވަނީ ދާދިފަހުން އެމްޑީޕީން ވަކިވަޑައިގެން ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފަ އެވެ.