26 Jan 2014, 14:55
ކުށްކުރާ ދެ ޖިންސުގެ ކުދިން ބޭތިއްބުމަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ހޯމް މިނިސްޓްރީން އެގޮތަށް ބުނެފައި ވަނީ ކުށްކުރާ ދެޖިންސްގެ ކުދިން ބައިތިއްބާނެ ތަންތަނާއި ކުޑަކުދީންގެ ހެކިބަސް ނަގާނެތަންތަން ގާއިމް ކުރުމަށް ޖުވެނައިލް ކޯޓުން އިސްނަގައިގެން ކަމާބެހޭ ފަރާތްތަކާ އެކު ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިބްރާހީމް ޝަހީބު ވިދާޅުވީ ޑިޓެންޝަން ސެންޓަރުތައް ވުޖޫދަށް ގެނައުމަށް ދެތިންތަނެއް މިހާރުވެސް ބަލަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ފޭދޫ ފިނޮޅުގައި ހުރި ކަރެކްޝަނަލް ފެސިލިޓީގެ މަސައްކަތް ވެސް ފަށާނެ ކަމަށާއި މިއަހަރަށް ކަނޑައަޅާފައިވާ ޓާގެޓުގައިވާގޮތަށް ޖޫންމަހުގައި އެތަންތަން ވުޖޫދަށް ގެނައުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޑިރެކްޓަރު ހާމިދު ޔޫސުފް ވިދާޅުވީ ކ. ތުލުސްދޫގައި ޖުވެނައިލް ކަރެކްޝަނަލް ފެސިލިޓީ ގާއިމްކުރުމަށްޓަކައި އެރަށުގެ ތަންތަން ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން އެރަށުގައި މިހާރު ހުރި އިމާރާތެއް އަލުން ރީސްޓަރަކްޗާ ކުރުމަށްފަހު އަންހެން ކުދިންނާއި ފިރިހެން ކުދިން އެތަނުގައި ވަކިން ބޭތިއްބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު ޝަކީބު ވިދާޅުވީ ކުޑަކުދީންގެ ހެކިބަސް ނެގުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ސަރުކާރުގެ 100 ދުވަހުގެ ރޯޑުމެޕްގައި ހިމަނާފައިވާ އަތޮޅުތަކުގެ ހަތަރު ޒޯނެއްގައި ގާއިމް ކުރުމަށް ނިންމާފައިވާ ސޭފް ހޯމްތަކުގައި ހެކިބަސް ނެގުމުގެ މަސައްކަތް މިއަހަރުގެ ޖޫންމަހުގެ ކުރިން ހަމަޖެއްސުމުގެ އިންތިޒާމް ހަމަޖައްސަވަނާ ކަމަށެވެ.
އޭނާ ވިދާޅުވީ އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުގައި މިހާރުވެސް ކުޑަކުދިންގެ ހެކިބަސް ނެގުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި އަދި ޝަރީއަތުގެ ބޭނުމަށް ކުޑަކުދިންގެ ހެކިބަސް ނެގުމުގެ އިންތިޒާމް އެތަންތަނުގައި މިއަހަރުގެ ޖޫންގެ ކުރިން ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަތޮޅުތަކޭ އެއްފަދައިން މާލޭގައި ވެސް ކުޑަކުދިންގެ ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އަންހެންކުދިން ބައިތިއްބާނެ ޑިޓެންޝަން ސެންޓަރުތައް ފުލުހުންގެ މުއައްސަސާގައި ގާއިމްކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް ފިރިހެން ކުދިން ބައިތިއްބާނެ ކޮންމެވެސް ވަރެއްގެ ޖާގައެއް ހުރިކަމަށާއި އެއީ އެކަށީގެންވާ ޖާގައެއް ނޫންކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެދަތިތައް ހައްލުކުރުމަށް ހިއުމަންރައިޓްސް ކޮމިޝަނާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެކަން ކުރެވިފައި ނުވަނީ ބަޖެޓުގެ ދަތިކަމުގެ ސަބަބުން ކަމަށެވެ.
ޖުވެނައިލް ކޯޓު ހިންގުމާ ހަވާލުވެހުންނެވި ގާޒީ މުހައްމަދު ނައީމް ވިދާޅުވީ އެފަދަ ސެންޓަރުތަކުގައި ކުޑަކުދިން ބޭތިއްބުމަށް އަމުރު ނެރުމުގެ ބާރު ގާނޫނުން އެ ކޯޓަށްދީފައިވީނަމަވެސް ތަންފީޒީ މުއައްސަސާތަކުން އެކަމަށް ތައްޔާރުވެފައިނުވާތީ މިހާރު އެކަން ކުރެވެމުން ނުދާކަމަށެވެ.
އޭނާ ވިދާޅުވީ ތަންފީޒީ މުއައްސަސާތަކުން އެކަންކަމަށް ތައްޔާރުވުމަށް ވަގުތުދީ، އަންނަ ޖޫންމަހުން ފެށިގެން އެފަދަ އަމުރުތައް ނެރެން ފަށާނެ ކަމަށެވެ.
އެ ބައްދަލުވުން ނިންމާލާފައި ވަނީ ތިން ކަމަކަށް އެއްބަސްވެވިގެނެއެވެ. އެ ސެންޓަރުތައް ގާއިމްކުރުމަށް އެކި މުއައްސަސާތަކަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރު ބެލުމަށްފަހު އެކަން ޖުވެނައިލް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރުމަށް އެޗްއާރްސީއެމުން ވަނީ އެއްބަސްވެފަ އެވެ.
އެޗްއާރްސީއެމުން އެ މައުލޫމާތު ކޯޓަށް ހުށަހެޅުމުން ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ބައްދަލުކުރައްވައި އެކަން އަވަސްކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އަރިހު ދެންނެވުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.
އެކަމާ ގުޅޭ އިތުރު ބައްދަލުވުމެއް އޭޕްރީލް މަހުގެ މެދުތެރޭގައި ބާއްވަން ނިންމާފައިވާ ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.