ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތަށް އާންމުދަނީ ހޯދުމުގެ ބިލްތައް މަޖިލީހަށް ބަލައިގެން ފި އެވެ.

ދައުލަތުގެ އާންމުދަނީ އިތުރުކޮށް ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ޓުއަރިޒަމް ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ ދެ އިސްލާހާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ ބިލްތައް ބަލައިގެންފައި ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގަ އެވެ.

ޓުއަރިޒަމް ގާނޫނުގެ ދަށުން ނަގާ ޓީޖީއެސްޓީ، އަށް ޕަސެންޓުން 12 ޕަސެންޓަށް ބޮޑު ކުރުމަށް ސަރުކާރުން ހުށަހެޅި ބިލް ބަލައިގެންފައި ވަނީ 37 މެންބަރުންގެ ވޯޓުންނެވެ. އަދި ޓުއަރިޒަމް ގާނުނުގެ ދަށުން ނަގާ ބެޑް ޓެކްސް އަދި މިދިޔަ އަހަރު ނިމުމަކަށް އައިސްފައިވާ ބެޑް ޓެކްސް މިއަހަރުގެ ނިޔަލަށް ނެގުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލް ބަލައިގެންފައި ވަނީ 38 މެންބަރުންގެ ވޯޓުންނެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާޙްގެ ބިލް ބަލައިގެންފައި ވަނީ 38 މެންބަރުންގެ ވޯޓުންނެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދައުލަތަށް އާންމުދަނީ ހޯދުމުގެ ބިލްތައް މަޖިލީހަށް ބަލައިގަތުމުން އެ ބިލްތައް ވަނީ މުޅި މަޖިލީހުގެ ކޮމެޓީ އަށް ފޮނުވާފަ އެވެ. އަދި މިވަގުތުން ފެށިގެން މުޅި މަޖިލީހުގެ ކޮމެޓީގެ މަސައްކަތް ފެށުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ނައިބް ރައީސް އަހުމަދު ނާޒިމް ވަނީ ނިންމަވާފަ އެވެ.

މުޅި މަޖިލީހުގެ ކޮމެޓީގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.