ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތަށް އާމުދަނީ ހޯދުމުގެ ބިލްތަކަށް ހައްލު ހޯދައިދީ ދައުލަތަށް އާމްދަނީ ލިބޭނޭ ގޮތް ހޯދައިދޭން ޖެހޭ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ އާމުދަނީގެ ބިލްތަކަށް ވާހަކަފުޅު ދައްކަވަމުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު(ކާނަލް) ވިދާޅުވީ މިހާރު ސަރުން ހުށަހަޅާފައިވާ އާމުދަނީގެ ބިލްތަކަކީ ދައުރުން ބޭރުން މަޖިލީހުގެ ހާއްސަ ޖަލްސާތަކެއް ބާއްވައިގެން ހައްލު ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ދައުލަތަށް އާމުދަނީ ހޯދުމުގެ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެހެން ނަމަވެސް މިހާރު ސަރުކާރުން ޓޫރިޒަމް ގާނޫށް ހުށްހަޅާފައިވާ އިސްލާޙްތަކާއި އާމުދަނީގެ ބިލްތަކަކީ މިހާރު ގާއިމްކޮށްފައިވާ ޓެކްސްގެ ނިޒާމެ ހަލާކުވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

ކާނަލް އިތުރަށް ވިދާޅުވީ މިހާރު ސަރުކާރުން ހުށަހަޅާފައިވާ އެއްވެސް އާމުދަނީގެ ބިލަކަށް ތާއިދު ކުރެވެން ނެތް ކަމަށާއި އަދި މިހާރު މަޖިލީހުގައި ސިޔާސީ އޮއިވަރު ހުރި ގޮތުން ސަރުކާރުން ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތަށް ހައްލެއް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކެވި ސަރުކާރާ އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވީ ދައުލަތަށް އާމުދަނީ ހޯދުމަށް ޓަކައި ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބިލްތަކަކީ އޭގެ ސަބަބުން ރައްޔިތުން ފައިދާވާނެ ބިލްތަކެއް ނޫން ކަމަށެވެ.

އެމްޑީޕީގެ މެންބަރުން ވިދާޅުވީ ދައުލަތަށް އާމުދަނީ ހޯދުމުގެ ނަމުގައި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުން"ފެލާލައިގެން" ފައިސާ ހޯދަން ކަމަށެވެ. އެގޮތުން ސަރުކާރުން މުސްކުޅިންނަށާއި މަސްވެރިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ދޭން ބުނި ފައިސާ ދޭނެ ނިޒާމެއް ގާއިމު ނުކޮށް ރައްޔިތުންގެ އަތުން އިތުރު ފައިސާއެއް ނެގުމަކީ އެއްގޮތަކަށް ވެސް ތާއީދު ކުރެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ.