ރާއްޖެ އެތެރެ ކުރާ ކޮންމެ ބަނގުރާފުޅި އަކާއި ބިޔަރު ދަޅެއްގައި ކަސްޓަމްސް މެދުވެރިކޮށް "ޓެގެއް" ޖަހާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އެގޮތަށް ޓެގް ޖަހަން ނިންމާފައި ވާކަން އިއުލާން ކޮއްދެއްވީ ބައިނަލް އަގުވާމީ ކަސްޓަމްސް ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އުމަރު އެގޮތަށް ވިދާޅުވީ ކަސްޓަމްސްގެ ދަށުގައިވާ ބޮންޑެޑް ވެއާހައުސް ތަކުން ބިދޭސިންނަށް ގެންދާ ބަނގުރާ މާލެ ތެރެއިންނާއި ރަށްތަކުން ފެންނާތީ އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ އެކަން ހުއްޓުވުމަށް ބޭރުކުރާ ކޮންމެ ފުޅިއެއްގައި ހާއްސަ ޓެގެއް ހަރުކުރެވިފައި ހުންނާނެ ކަމަށެވެ. އަދި އެ ޓެގްގެ ސަބަބުން އެއީ ކޮންތާކަށް ދޫކުރެވުނު ރާފުޅިއެއްކަން އެނގިގެން ދާނެ ކަމަށާއި ކަނޑައަޅާފައިވާ ގާނޫނީ އުސޫލުގެ ބޭރުން ފުޅިއެއް ފެނިއްޖެ ނަމަ، އެ ފުޅީގައި ހަރުކޮށްފައިވާ ޓެގްގެ އެހީގައި ފުޅި ދޫކުރެވުނު ފަރާތާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"އެހެންވީމާ އެ ޓެގުން އެނގޭނެ އެއީ ކޮންތާކަށް ދޫކުރެވުނު ފުޅިއެއްކަން. އޭގެ އެހީގައި އެފުޅި ދޫކުރެވުނު ފަރާތް ޒިންމާކުރުވާ ފިޔަވަޅު އަޅާނަން،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމަށް ބޮޑަތި އެތައް ޖަރީމާތަކެއް ހިންގާ ކަމަށެވެ. އެގޮތުން ވައްކަން ކުރުމާއި އެތަކެތި ގަތުމަށް ހަށިވިއްކުންފަދަ ބޮޑަތި ކުށްތަކަށް މީހުން އަރައިގަންނަ ކަމަށް އުމަރު ފާހަގަ ކުރެއްވި އެވެ.

"މިތަންތަނުން ދޫކުރެވޭ ބަނގުރާ މިހާރަކަށް އައިސް އެކި ތަންތަނަށް ގެންދެވި، އެބަނގުރާތައް މާލެ ތެރޭގައި އާއި އަތޮޅު ތެރޭގައި އެނބުރޭތަން އެބަ ފެނޭ. މިއީ އަޅުގަނޑުމެންނަށް ބަލަހައްޓައިގެން ތިބެވޭނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

އެފަދަ ނިޒާމެއް ކަނޑައެޅުއްވުމުގެ ބޭނުމަކީ ރާއްޖޭގައި ރަލާއި މަސްތުވާތަކެތީގެ ވިޔަފާރިއައް ފުރުސަތު ނުދިނުމާއި އެފަދަ ތަކެތީގެ ވިޔަފާރި ކުރާ މީހުންނައް ފިޔަވަޅުއަޅައިގެން އެކަން ހުއްޓުވުން ކަމުގައި އުމަރު ވިދާޅުވި އެވެ.