އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށްޓަކައި ބޭއްވި ޕްރައިމަރީގައި ހދ. ނޭކުރެންދޫ އާއި ބ. ކެންދޫގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ ބާތިލުކޮށްފި އެވެ.

އެމްޑީޕީން ބުނީ އެ ދެ ރަށުގެ ވޯޓު ފޮށިތަކުގެ ނަތީޖާ ބާތިލް ކުރީ އެ ރަށްތަކުގައި ވޯޓު ލުމުގެ އިންތިޒާމްތައް އިތުބާރު ހިފޭނެ ގޮތަކަށް ބެލެހެއްޓިފައި ނުވާތީ ކަމަށެވެ. ނަމަވެސް އެ ރަށުގައި މިއަދު ހަވީރު 4:00 އިން ރޭގަނޑު 11:00އަށް އަލުން ވޯޓުލުން ބާއްވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބާތިލް ކުރި ވޯޓު ފޮށިތަކަކީ މަކުނުދޫ ދާއިރާގެ ނޭކުރަންދޫގައި ބެހެއްޓި ވޯޓު ފޮއްޓާއި ކެންދޫ ދާއިރާގެ ކެންދޫގައި ބެހެއްޓި ވޯޓްފޮއްޓެވެ.

އެމްޑީޕީ ޕްރައިމަރީގައި މިއަދު ހަވީރު ވެސް އެހެން ބައެއް ދާއިރާތަކުގެ ވޯޓުލުން ފަށާނެ އެވެ. އެއީ މާމިގިއްޔާއި މަކުނުދޫ އާއި ތުޅާދޫ ދާއިރާގެ މާލޭގައި ތިބި އެމްޑީޕީގެ މެމްބަރުންގެ ވޯޓުލުމާއި ވިލިފުށީ ދާއިރާގެ މާލޭގައި ތިބި ޕާޓީގެ މެމްބަރުންނާއި އެ ދާއިރާގެ ބުރުނީގެ ބާއްވާ ވޯޓުލުމެވެ. އަދި ގެމަނަފުށީ ދާއިރާގެ މާލެ އާއި ދެއްވަދޫގައި ވެސް ޕްރައިމަރީ ކުރިއަށްދާނެ އެވެ.