26 Jan 2014, 12:38
ކަސްޓަމްސްގެ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރުމަށް އިތުރު މަސައްކަތްތަކެއް ފަށަން ހަމަޖައްސާފައިވާ ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ. އޭނާ އެހެން ވިދާޅުވީ ބައިނަލް އަގްވާމީ ކަސްޓަމްސް ދުވަހުގެ މުނާސަބަތުގައި މިއަދު ކަސްޓަމްސްގެ މައި އިމާރާތުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކަސްޓަމްސް ކޮމިޝަނަރު ޖެނަރަލް ވިދާޅުވީ ކަސްޓަމްސްގެ މައިގަނޑު މަސައްކަތަކީ ދައުލަތަށް އާމްދަނީ ހޯދުމާއި ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމް ކުރުމާއި ގާނޫނާ ގަވާއިދާ ހިލާފަށް ތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވުން ކަމުގަ އެވެ.
އެގޮތުން ކަސްޓަމްސްގެ އެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށް އިކޮނޮމިކް މިނިސްޓަރީ އާއި ގުޅިގެން "ނެޝަނަލް ސިންގަލް ވިންޑޯ" ނިޒާމެއް ގާއިމް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބޭނުމަކީ އިމްޕޯޓް އެކްސްޕޯޓް މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއް ގުޅާލުމެވެ. އޭގެ ސަބަބުން ކަސްޓަމްސްގެ ހިދުމަތް ހޯދުމަށް ސަރުކާރުގެ އެކި މުއައްސަސާތަކަށް ނުގޮސް އެއްތަނަނުން ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް އަހްމަދު މުހައްމަދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ހިދުމަތްތައް ރަނގަޅު ކުރުމަށް "ކަސްޓަމާއި ވިޔަފާރިވެރިން"ގެ ނަމުގައި ކޮމިޓީއެއް އުފެއްދުމަށް ހަމަޖައްސަވާފައިވާ ކަމަށެވެ. އޭގެ ސަބަބުން ހިދުމަތް ހޯދާ ފަރާތުގެ ހިޔާލާއި މަޝްވަރާއަށް މަގުފަހި ވެގެން ދާނެ ކަމަށާއި އެ ކޮމިޓީގައި އެކިއެކި ވިޔަފާރިތަކުގެ މަންދޫބުންނާއި އިމްޕޯޓް އެކްސްޕޯޓް މަސްކަތްކުރާ ޖަމްއިއްޔާތައް އޭގައި ހިމެނިގެން ދާނެ ކަމަށް ކަސްޓަމްސް ކޮމިޝަނަރު ޖެނެރަލް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ރާއްޖޭގެ ހުރިހާ ވައިގެ ބަނދަރާއި ކަނޑުގެ ބަނދަރަކީ ބޮޑީ ސްކޭން ކުރުމާއި އެކްސްރޭ މެޝިން ބެހައްޓާފައި ހުންނަ ބަނދަރުތަކަކަށް ހައްސަވާނެ ކަމުގަ އެވެ. އަދި ރާއްޖެއަށް އެތެރެކުރެވޭ ހުރިހާ ކޮންޓެއިނަރު ތަކަކީ ވެސް ސްކޭން ކުރެވޭ ކޮންޓެއިނަރު ތަކަކަށް ހައްދަވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވި އެވެ.
ކަސްޓަމްސްގެ މަސައްކަތްތައް ވަރުގަދަކޮށް ހަރުދަނާ ކުރުމަށް ކަސްޓަމްސް އިން ވަނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ޕްރޮޖެކްޓެއް ކަމަށްވާ "ޕްރީ-އެރައިވަލް ޑިކްލަރޭޝަން"ގެ ނަމުގައި ޕްރޮޖެކްޓެއް ވެސް ފައްޓާފަ އެވެ. އެ ޕްރޮޖެކްޓް އިފްތިތާހް ކޮށްދެއްވީ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ.