މިދުވަސްވަރު މާލޭ އާއި އަތޮޅު ތެރޭގައި ހޭންޑް ފުޓް އެންޑް މައުތު ބަލި މަދުމަދުން ނަމަވެސް ފެތުރެމުންދާތީ އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެތްލު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހޭންޑް ފުޓް އެންޑް މައުތު ބަލި މިދިޔަ އަހަރު ވެސް ފެންނަން ފަށާފައި ވަނީ މިދުވަސްވަރު ކަމަށާއި އެބަލި ބޮޑަށް ފެތުރެން ފަށަނީ ފެބްރުއަރީ މަހުގައި ކަމަށެވެ.

"ބަލި އެހާ ބާރަށް ފެތުރެމުން ދަނީ އެއް ނޫން. ނަމަވެސް ދުރާލާ އެކަމަށް ސަމާލުވެއްޖެ ނަމަ އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުން އަޅުގަނޑުމެންގެ ބޭނުމަކީ،" އޮފިޝަލް ވިދާޅުވި އެވެ.

އެޗްޕީއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އާއްމުކޮށް މި ބަލި ޖެހެނީ އުމުރުން އެއް އަހަރާއި ހަތަރު އަހަރާއި ދެމެދުގެ ކުޑަ ކުދިންނަށް ކަމުގައިވާ އިރު ޕްރީސްކޫލްތަކުގައި ކިޔަވާ ކުދިންނާއި ގްރޭޑް އެކެއް އަދި ދޭއްގައި ކިޔަވާ ކުދިންގެ މެދުގައި އެ ބަލި ފެތުރިގެން ހިނގައިދޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މި ބައްޔަކީ ގައިގޯޅިވެ އުޅުމުގެ ތެރޭގައި ބަލި ޖެހިފައިވާ ކުއްޖެއްގެ ކުޅު، އަރިދަފުސް ބޮޑުކަމުދާ ނަޖިސް އަދި ހަމުގައިނަގާ ފޮޅުން ނިކުންނަ ދިޔައިން އެއްކުއްޖެއްގެ ގައިން އަނެއްކުއްޖެއްގެ ގަޔަށް ވަރަށް ފަސޭހައިން އަރާ ބައްޔެކެވެ. މި ބަލި ޖެހުމުން ކާހިތް ނުވުމާއި ހުން އައުމާއި ވަރުބަލިވުން އަދި ގައިގައި ރިއްސުމާއި ކަރުތެރެފާރުވުން ފަދަ އަލާމަތްތައް ފެންނަން ފަށަ އެވެ.

މި ބަލިން ރައްކާތެރިވުމުގެ ގޮތުން ބަލި ޖެހިފައިވާ ކުދިން ސްކޫލަށް ނުފޮނުވުމަށާއި އެއްކުއްޖަކު ގެންގުޅޭ ތުވާލި ތަށި އަދި ކުޅޭ އެއްޗެހި ފަދަތަކެތި ރަނގަޅަށް ދޮވެ ސާފުކޮށްގެން ނޫނީ އެހެން ކުދިން ބޭނުންކުރަން ނުދިނުމަށާއި ކުދިންގެ ސާފުތާހިރުކަމާއި އުޅޭ ސަރަހައްދުގެ ސާފުތާރިރުކަމާ ބޭނުންކުރާ ފާހާނާ ތަކުގެ ސާފުތާހިރުކަން ފަދަ ކަންކަމަށް އިތުރު ސަމާލުކަމެއް ދިނުމަށާއި ފާހާނާ ކުރުމަށް ފަހުގައި އާއި ކެއުމުގެ ކުރިން ރަނގަޅަށް ސައިބޯނިލައިގެން އަތްދޮއްވުން އަދި ބަލިޖެހިފައިވާ ކުދިން ކުޅި އަދި ހޫނުކޮށް ހުންނަ ކާބޯތަކެތި ނުދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.