ދިވެހި ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގައި މިއަހަރުން ފެށިގެން މަދުވެގެން ދެ އަންހެން ބޭފުޅުން ބޭތިއްބުމަށް ކޯޕަރޭޓްސް ގަވަނަންސް ކޯޑަށް ކެޕިޓަލް މާކެޓް ޑިވޮލޮޕްމަންޓް އޮތޯރިޓީން (ސީއެމްޑީއޭ) އިން އިސްލާހު ގެނެސްފި އެވެ.

ސީއެމްޑީއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ އިސްލާހު ގެނެސްފައި ވަނީ ލިސްޓުކޮށްފައިވާ ކުންފުނިތަކުގައި އަންހެނުންގެ ދައުރު އިތުރަށް ފުޅާކުރުމުގެ ބޭނުމުގައި ކަމަށެވެ.

މީގެ އިތުރުން ޑިރެކްޓަރުންގެ ބޯޑަށް ނަން ހުށަހެޅުމާއި އައްޔަން ކުރުމާ ބެހޭ މާއްދާ އަށް ގެނެސްފައިވާ އިސްލާހުތަކަކީ މި ކޯޑަށް އިސްލާހު ގެނައުމާ ގުޅިގެން ކޮންމެހެން އަމަލު ކުރަން ޖެހޭ މާއްދާތައް ކަމުގައި ވަނީ ކަނޑައަޅައިފަ އެވެ.

ޑިރެކްޓަރުންގެ ބޯޑުގެ އިރުޝާދުގެ ދަށުން މިއަހަރުން ފެށިގެން ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަދުވެގެން ދެ އަންހެން ޑިރެކްޓަރުން ހިމެނޭ ގޮތަށް ބޯޑުތައް އެކުލަވައިލައި، 2016 ގެ ނިޔަލަށް ކޮންމެ ކުންފުންޏެއްގެ ވެސް ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންގެ 33 ޕަސެންޓް އަކީ އަންހެނުން ކަމުގައި ހެދުމަށް މަސައްކަތްކުރުމަށް ކޯޕަރޭޓް ގަވަނަންސް ކޯޑުގައި ބުނެފައިވެ އެވެ.

އިސްލާހު ގެނެސްފައިވާ އެ މާއްދާއަކީ "ކޮންޕްލައި އޯ އެކްސްޕްލޭން" މާއްދާ އެއް ކަމަށާއި 2016 ވަނަ އަހަރުން ފެށިގެން އެއް ވެސް ސަބަބަކާ ހުރެ އެ ޓާގެޓް އެޗީވް ނުވެއްޖެ ނަމަ އެނުއަލް ރިޕޯޓްގައި އެކަން ބަޔާންކުރުމުން އެކުންފުންނަކާ މެދު ފިޔަވަޅު ނާޅޭނެ ކަމަށް ސީއެމްޑީއޭއިން ބުންޏެވެ.

ރާއްޖޭގައި މިހާރު ލިސްޓްކޮށްފައިވާ ހިމެނެނީ ހަތް ކުންފުންޏެވެ. އެކުންފުނިތަކުގެ ތެރެއިން ބީއެމްއެލްގައި 11 ޑިރެކްޓަރުން ތިއްބަވާ އިރު އޭގެ ތެރެއިން ދެ ޑިރެކްޓަރުންނަކީ އަންހެން ބޭފުޅުންނެވެ. އަދި އެޗްޑީއެފްސީގައި ހަ ޑިރެކްޓަރުން ތިއްބަވާ އިރު ދިވެހި އަންހެން އެއް ޑިރެކްޓަރަކު ހިމެނެ އެވެ. އެމްޓީސީސީގައި 10 ޑިރެކްޓަރުން ތިއްބަވާ އިރު އަންހެން އެއް ބޭފުޅަކު ހިމެނިވަޑައިގެންނަވަ އެވެ. މީގެ އިތުރުން އެމްޓީޑީސީ ނުވަ ޑިރެކްޓަރުންގެ ތިއްބަވާ އިރު އޭގެތެރޭގައި އަންހެން ބޭފުޅަކު ނުހިމެނެ އެވެ. އަދި އެސްޓީއޯގައި ހަ ޑިރެކްޓަރުން ތިއްބެވި ނަމަވެސް އަންހެން ބޭފުޅަކު ނުހިނެ އެވެ. އަދި އަމާނާތަކަފުލް މޯލްޑިވްސްގައި ހަތް ޑިރެކްޓަރުން ތިއްބަވާ އިރު އަންހެން ބޭފުޅަކު ނުހިމެނެ އެވެ. ހަތް ވަނަ ކުންފުނި ކަމުގައިވާ ދިރާގުގައި ވެސް ހަތް ޑިރެކްޓަރުން ތިއްބަވާ އިރު އަންހެން ބޭފުޅަކު ހިމެނިވަޑައެއް ނުގެންނަވަ އެވެ.