ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ނަޖީބަށް ހަމަލާދިން ކަމަށް، އޭނާ މަރާލުމުގެ ކުށް ސާބިތުވެ މެރުމަށް ހުކުމްކޮށްފައިވާ މ. މަސްރޫރާ އަހްމަދު މުއްރަތު ހައިކޯޓުގައި އިންކާރެއް ނުކުރި އެވެ.

މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އޭނާ އިސްތިއުނާފުކުރުމުން މިއަދު ހައިކޯޓުގައި ބޭއްވި ދެވަނަ ޝަރީއަތުގެ މަޖިލީހުގައި މުއްރަތު ބުނީ އޭނާ ނަޖީބު މަރާލީމޭ ވެސް އަދި މަރާނުލަމޭ ވެސް ނުބުނާ ކަމަށެވެ. އަދި ބުނީ އޭނާ ބޭނުން ވަނީ ގަސްދުގައި ނަޖީބު ނުމަރާކަން ސާބިތުކޮށްދޭން ކަމަށެވެ.

"އަޅުގަނޑު ކުރީމޭ ވެސް ނޫން މިބުނަނީ. ނުކުރަމެކޭ ވެސް ނޫން މިބުނަނީ. ގަސްދުގައޭ އެބުނާ ވާހަކައަށް އިންކާރުކުރަން. އަޅުގަނޑު ބޭނުންވަނީ ގަސްދުގައި ނޫންކަން ސާބިތުކޮށްދޭން،" މުއްރަތު ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުރަތަމަ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ދައުލަތުގެ އެހީގައި ވަކީލަކު އައްޔަން ކޮށްގެން ކަމަށް މުއްރަތު ބުނެފައިވާތީ ކޯޓުން ވަނީ މުއްރަތަށް އެ ފުރުސަތުދީފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ހުށަހަޅުއްވަމުން މުއްރަތުގެ ވަކީލު އަބްދުލްހަކީމް ރަޝާދު ވިދާޅުވީ މުއްރަތާއި އެކު މެރުމަށް ހުކުމްކޮށްފައިވާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާ އާއި މުއްރަތު ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާން އެއްގޮތް ނޫން ކަމަށެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ނިންމިއިރު އިސްލާމީ ޝަރީއަތުގެ އުސޫލުތަކަށް ރިއާޔަތްކޮށްފައިވާއިރު، ނިސާ ސޫރަތުގެ 92 ވަނަ އާޔަތަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުއްރަތު މެރުމަށް ކޮށްފައިވާ ހުކުމަކީ އިންސާފުވެރި ހުކުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މައްސަލަ ނިންމިއިރު މުއްރަތުގެ ސިއްހީ ހާލަތާއި، ކަންހިނގާފައިވާ ގޮތަށް ކްރިމިނަލް ކޯޓުން ރިއާޔަތް ކޮށްފައިނުވާ ކަމަށެވެ.

މުއްރަތު ހައިކޯޓުގައި އެދުނު ކަންތައްތަކުގެ ތެރޭގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކުރުމަށް އެދިފައެއް ނުވެ އެވެ. އޭނާ އެދިފައި ވަނީ ހައިކޯޓުން އެ މައްސަލައާ މެދު ގޮތެއް ކަނޑައެޅުމަށެވެ.

ހައިކޯޓުން މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލާފައިވަނީ މުއްރަތުގެ ގަނޫނީ ވަކީލަށް، އޭނައާ ބައްދަލުކުރުމަށްފަހު ބަޔާންހުށަހެޅުމަށް ދެ ހަފްތާގެ މުހުލަތެއް ދިނުމަށްފަހު އެވެ.

މުއްރަތާ އެކު މެރުމަށް ހުކުމްކޮށްފައިވާ އޭނާގެ ކުރީގެ ލޯބިވެރިޔާ ހަނާ ވެސް ވަނީ އޭނާ މެރުމަށް ކުރި ހުކުމް އިސްތިއުނާފުކޮށްފަ އެވެ. އޭނާ ވެސް ވަނީ ދައުލަތުގެ އެހީގައި ވަކީލަކު އައްޔަން ކުރުމަށް ފުރުސަތަކަށް އެދިފަ އެވެ.

ތޫނު އެއްޗަކުން ހަމަލާދީ ނަޖީބު މަރާލި ކަމަށް މުއްރަތު ވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފަ އެވެ.

މުއްރަތު ބުނެފައި ވަނީ ދެހާސް ބާރަ ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ރޭ މަސްރޫރާގެއަށް ނަޖީބު ވަޑައިގަތުމުން އެގޭގައި، އޭނާ އާއި ހަނާ ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއް (އޮފީސް ޗެއާ) އެއްގައި ނަޖީބު ބައިންދާ ފޮށި ބަންދުކުރާ ޓޭޕުން ނަޖީބުގެ ދެއަތާއި ދެފައި ބަނދެ، މޫނާއި އަނގަމަތިން ވަށައި ޖެހޭ ގޮތަށް ޓޭޕްއެޅި ކަމަށެވެ.

ނަޖީބު އެގޮތަށް ގޮނޑީގައި އިންނެވި އިރު އަޑުގަދަ ކުރައްވާތީ އެކަމާ ހިތްހަމަނުޖެހިގެން ހަތަރު އިންޗި ހުންނަ ވަރުގެ ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުން ނަޖީބުގެ ކަރަށް ހަމަލާދީ އޭނާ މާރާލި ކަމަށް މުއްރަތު ވަނީ ބުނެފަ އެވެ.