26 Jan 2014, 10:41
ހއ. ދިއްދޫން ބޮއްކުރައެއްގައި މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު މީހާގެ މައްސަލަ ތަހުގީގު ކުރަން ސްޕެޝަލް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ޓީމެއް އެރަށަށް ގޮސްފި އެވެ.
މި މަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރު ތިން މީހުންނާ އެކު މަހަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނީ ސ. ހިތަދޫ ވިންސަމް އުމުރުން 39 އަހަރުގެ އަހްމަދު މުޖުތަބާ އެވެ. އޭނާއާ އެކު އެ ބޮއްކުރާގައި ތިބި ދެމީހުން ވަނީ ސަލާމަތުން ރަށަށް ގޮސްފަ އެވެ. އެމީހުން ބުނެފައި ވަނީ މުޖުތަބާ ގެއްލުނީ ބޮއްކުރާ ބަންޑުންޖަހާލުމުން ވެސް ބޮއްކުރާ ދޫކޮށްނުދާނެ ކަމަށް ބުނެ ބަންޑުން ޖަހާލި ބޮއްކުރާ މަތީގައި އޮއްވައި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ސްޕެޝަލް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޓީމެއް މިދިޔަ ބުރާސްފަތި ދިއްދުއަށް ގޮސްފައިވާ ކަމަށެވެ.
މުޖުތަބާ ގެއްލުނު ތަހުގީގެއް ފުލުހުން ފަށާފައި ވަނީ އޭނާގެ އާއިލާގެ މީހުން އެމައްސަލައާ ގުޅިގެން ކުރިމަތި ކުރުވަމުން އަންނަ ސުވާލުތަކާ ގުޅިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލައިގެ ތަހުގީގުފަށާ ބައެއް ފަރާތްތަކާ ސުވާލު ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް ފުލުހުން ވަނީ މުޖުތަބާ ހޯދަން ކަނޑުމަގުން ކުރަމުން އަންނަ މަސައްކަތް ހުއްޓާލާފަ އެވެ.