26 Jan 2014, 10:17
މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހުޅުވުމުގެ ގޮތުން އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެލެންސިއާ ދެކޮޅަށް އިއްޔެ ހަވީރު ކުޅުނު މެޗް 10-0ލަނޑުން ކުލަބް އީގަލްސް އިން ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.
އީގަލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 6-0 ލަނޑުންނެވެ. އަދި ދެ ވަނަ ހާފުގައި އީގަލްސްއިން ވަނީ ވެލެންސިއާ ކޮޅަށް ހަތަރު ލަނޑު ޖަހާފަ އެވެ.
މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި 13 ޓީމު ބައިވެރިވެފައިވާ އިރު ޓީމުތައް ވަނީ ތިން ގްރޫޕަކަށް ބަހާލާފަ އެވެ. އެގޮތުން ގްރޫޕް އެކެއްގައި ފަސް ޓީމު ހިމަނާފައިވާ އިރު އަނެއް ދެ ގްރޫޕުން ކޮންމެ ގްރޫޕެއްގައި ވެސް ހިމެނެނީ ފަސްޓީމެވެ.
ގްރޫޕް އެކެއްގައި ހިމެނޭ ޓީމުތަކަކީ، ކްލަބު ވެލެންސިޔާ އާއި ކްލަބު އީގަލްސް އާއި މަހިބަދޫ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އިތުރުން ކްލަބު ގްރީން ސްޓްރީޓް އެވެ.
ގްރޫޕް ދޭއްގައި ހިމެނޭ ޓީމުތަކަކީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ވައިކަރަދޫ އެފްސީގެ އިތުރުން ވޭރު ސްޕޯޓްސް ކްލަބެވެ.
ގްރޫޕް ތިނެއްގައި ހިމެނޭ ހަތަރު ޓީމަކީ، މިދިޔަ އަހަރުގެ ރަނަރަޕް ބީޖީ ސްޕޯޓްސް އާއި ކެލާ ނާޅި ސްޕޯޓްސް އާއި އޯލް ޔޫތު ލިންކޭޖްގެ އިތުރުން އޭދަފުށީ ޒުވާނުންގެ ކްލަބެވެ.
ޔޫތު ޗެމްޕިއަން ޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:10 ގައި ބައްދަލުކުރާ ދެޓީމަކީ ނިއު އާއި މާޒިޔާ އެވެ. ދެ ވަނަ މެޗުގައި މިރޭ9:00ގައި ވާދަކުރަނީ ވާކަރަދޫ އާއި ވޭވަރު ސްޕޯޓްސް ކުލަބެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ފަށާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ފެބްރުއަރީ 16 އަދި 17 ގައި ކުޅުމަށް ހަމަޖެހިފައިވާ އިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ފެބްރުއަރީ 20 ވަނަ ދުވަހު ހަވީރު އެވެ.
އެފްއޭއެމްއިން 2011 ވަނަ އަހަރު ތައާރަފްކުރި މި މުބާރާތަކީ ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާ ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް މިފަހަރު ސްޕޮންސާ ކޮށްފައި ވަނީ އެލް މޯބައިލް އިންނެވެ.