ރާއްޖޭގެ ސިއްހީ ދާއިރާ އަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާ ހިއްސާކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.

ހެލްތު މިނިސްޓްރީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިމައުލޫމާތު ހިއްސާކޮށްފައި ވަނީ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ. މާގަރެޓް ޗާންގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތެއްގައި ކަމަށެވެ.

މިގޮތުން ރާއްޖެ އަށް ބޭނުންވާ ބޭސް ރައްކާތެރިކަމާ އެކު ލިބުމުގައި ދިމާވާ މައްސަލަތަކާއި ބޭސްފަރުވާއަށް ރައްޔިތުން ކުރަން ޖެހޭ ހޭދަ އިތުރުވުމުގެ ސަބަބުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް މިނިސްޓަރު ޝަކީލާ ވިދާޅުވި އެވެ.

އަދި ރާއްޖެ އިން ބައެއް ކަހަލަ ސިއްހީ ހިދުމަތްތަކާއި ފަރުވާ ލިބެން ނެތުމުން އެކަމަށްޓަކައި އަވަށްޓެރި ގައުމުތަކަށް ގޮސް ކުރަން ޖެހޭ ހޭދަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރެވިފައި ނުވުމުގެ ސަބަބުން، ޑޮކްޓަރުން އަދި ނަރުހުންގެ މަސައްކަތުގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވަމުންދާ ކަމަށާއި މިކަމާ ގުޅިގެން ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމަށް ޑރ. ޝަކީލާ ފާހަގަކުރެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ޑރ. މާގަރެޓް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ކަންކަން ފަހިކުރުމުގައި ޑަބްލިޔުއެޗްއޯގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި 100 ދުވަހުގެ ޕްލޭން ޑަބްލިޔުއެޗްއޯއާ ހިއްސާކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ.