14 Dec 2010, 10:20
ޑުބާއީ އެއާޕޯޓުން ގެއްލުނު ދިވެހި މީހާ އެ އެއާޕޯޓު ތެރޭގައި މަގު އޮޅި އަދި އޭނާގެ ސިއްހާލަތު ދަށްވުމާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފަރުވާދެމުން އަންނަ ކަމަށް ސަރުކާރުގެ ބޯޓު ދުއްވާ ކުންފުނި، މޯލްޑިވިސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) އިން ބުނެފި އެވެ.
އެމްއެންއެސްއެލްގެ ޑިރެކްޓާ ޖެނެރަލް ހަސަން މަނިކު މިއަދު ވިދާޅުވީ އެފްރިކާގެ މަލަބޯގައި ހާލުގައި ޖެހިފައި އޮތް ބޯޓުން ރާއްޖެއަށް ފަސް ފަޅުވެރިއަކު ގެނައުމުގެ މަގުމަތީގައި ގެއްލުނު އެ ބޯޓުގެ ވައިޕަރެއްގެ ވަޒީފާ އަދާކުރާ އާރިފް އަބްދުއްލަތީފް ފެނުނީ އެއާޕޯޓު ތެރޭގައި މަގު އޮޅިގެން އުޅެނިކޮށް ކަމަށެވެ.
"އޭނާ ފާހާނައަށް ގޮސްފައި އައި މަގުމަތީގައި އޭނާ އަށް މަގު އޮޅުނީ. މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ކަހަލަ ކުޑަ އެއާޕޯޓެއް ނޫން އެއީ. އޭނާ ފާހާނާ އަށް ދިއުމަށް ފަހު އަންނަން ނޭނގިގެން ގެއްލުނީ." ހަސަން މަނިކު ވިދާޅުވި އެވެ.
އެމީހާ ފެނުނު އިރު އޭނާގެ ހާލު ވެސް ވަރަށް ދެރަ ކަމަށާއި މިހާރު އޭނާ އަށް ދަނީ ދުބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާދެމުން ކަމަށް ހަސަން މަނިކު ވިދާޅުވި އެވެ.
ނަމަވެސް ހަސަން މަނިކު އިއްޔެ ވިދާޅުވީ ދުބާއީ އެއާޕޯޓުން އެމްއެންއެސްއެލްގެ ގުރޫޕާ ވަކިވެ، އޭނާ ފިލީ ކަމަށެވެ.
"ޑުބާއީ އެއާޕޯޓުގައި އެ މީހުންތިއްބާ އެ ގްރޫޕާ ވަކިވެ، އޭނާ ފިލި ކަމަށް ވަނީ. މިހާރު އޭނާ ހޯދުމަށް ޓަކައި އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަމުން މިދަނީ." ހަސަން މަނިކު އިއްޔެ ވިދާޅުވި އެވެ.
އެމްއެންއެސްއެލްގެ "މޯލްޑިވްސް އެންޓަޕްރައިސް" ކިޔާ ބޯޓުގެ އިންޖީނުގެ ޓާބޯ ޗާޖަރު ހަލާކުވެ، އެފްރިކާގެ މަލަބޯގެ ބާޓާގައި އޮންނަތާ ތިން މަހެއްހާ ދުވަސްވެފައިވާ އިރު، އަދިވެސް އެ އިންޖީނު ހެދުމުގެ މަސައްކަތް ނުނިމޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެބޯޓުގައި މިހާރު ވެސް 14 ފަޅުވެރިއަކު އެބަ ތިބިކަމަށް މައުލޫމާތު ލިބެ އެވެ. ބޯޓުގެ ފަޅުވެރިންނަށް ދަނީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިވަމުންނެވެ. އޭގެ ތެރޭގައި މެލޭރިއާ ފަދަ ބަލިމަޑު ކަމާއި، ކާބޯތަކެއްޗާއި ފެނުގެ ދަތިކަން ވެސް އެމީހުންނަށް އަންނަނީ މެދުވެރިވަމުންނެވެ.
އެ ބޯޓް އެފްރިކާގެ މަލަބޯގެ ބާޓާގައި ބަނދަރުގައި ބާއްވާފައި އޮންނަ ކޮންމެ ދުވަހަކަށް ބައިލައްކަ ރުފިޔާ ހަރަދުވެ އެވެ. އަދި މިހާތަނަށް 3.5 މިލިއަން ރުފިޔާއަށް ވުރެ ގިނައަދެއްގެ ފައިސާ ހަރަދުވެފައިވާ ކަމަށް އެމްއެންއެސްއެލްއިން ބުނެ އެވެ.
ސަރުކާރުގެ ޝިޕިން ކުންފުނިން އެންމެ ފަހުން ބުނީ، 10000 ޓަނުގެ ކޮންޓޭނާ ބޯޓު ވިއްކާލުމަށް ނިންމާފައިވާ ކަމަށެވެ.