ގާހިރާ (ޖަނަވަރީ 26): މިސްރުގައި އިއްޔެ ހިނގި ހަމަނުޖެހުންތަކުގައި 50 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެއްޖެވެ. މިހަމަނުޖެހުންތައް ހިނގާފައި ވަނީ މިސްރުގެ އިދިކޮޅު ފަރާތްތަކުގެ ސަޕޯޓަރުންނާއި ސަލާމަތީ ބާރުތަކާ ދެމެދު މިސްރުގެ ބޮޑެތި ރައްތަކުގައި ހިނގި ކުރިމަތިލުންތަކުގަ އެވެ.

މިސްރުގެ ދާޚިލީ ވަޒީރު އަހްމަދު ކާމިލް ވިދާޅުވީ ގާހިރާއިން އެކަނިވެސް 26 މީހުން މަރުވިކަމަށާ މިންޔާއާއި އިސްކަންދަރިއްޔާއިން ހަތަރު މީހުން މަރުވެފައިވާކަމުގަ އެވެ. އަދި އެހެން ސަރަހައްދުތަކުން ވިއްސަކަށް މީހުން މަރުވެފައިވާ ކަމަށް ރަސްމީ ރިޕޯޓްތައް ބުނެ އެވެ. އިއްޔެގެ ކުރިމަތިލުންތަކުގައި މިސްރުގެ ސަލާމަތީ ބާރުތަކުން ވަނީ މިސްރުގެ ވަގުތީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި ފަރާތްތަކާ ދެކޮޅަށް ކަރުނަގޭހާއި ލަޓިބުރި ބޭނުންކުރުމުގެ އިތުރުން އަސްލުވަޒަން ބޭނުންކޮށްގެން ބަޑިވެސް ޖަހާފަ އެވެ.

ވަގުތީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ މަގާމުން ދުރުކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު މުރުސީއަށް ތާއީދުކުރާ ފަރާތްތަކެވެ. މީގެތެރޭގައި ގިނައީ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ މެންބަރުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. އަނެއްކޮޅުން މިސްރު ސަރުކާރުން ވަނީ ހުސްނީ މުބާރަކުގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލި ރައްޔިތުންގެ އުތުރިއެރުން ފާހަގަ ކުރުމުގެ ގޮތުން ތަހްރީރު މައިދާނަށާއި ގާހިރާގެ އެހެން މައިދާންތަކަށް އެއްވުމަށް ރައްޔިތުންނަށް ގޮވާލާފަ އެވެ.

މިގޮވާލުމާ ގުޅިގެން ގާހިރާގެ ތަހްރީރު މައިދާނަށް އެއްވި މީހުންވަނީ މިސްރުގެ ވެރިކަމަށް އެގައުމުގެ އިންގިލާބީ ލީޑަރު އަދި ދިފާޢީ ވަޒީރު ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ ގެނައުމަށް ގޮވާލައި އެކަމަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ. އެހެންކަމުން ސަރުކާރުން ގާހިރާގެ މައިދާންތަކަށް ރައްޔިތުން ޖަމާކުރީ ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ މިސްރުގެ ވެރިކަމަށް އިންތިޚާބު ކުރުމަށް ރައްޔިތުން ބޭނުންވާކަން ދުނިޔެއަށް ދެއްކުމުގެ ސިޔާސީ ބޭނުމުގައި ކަމަށް މުރާސިލުން ސިފަކުރެ އެވެ. ރައްޔިތުން އެދޭނަމަ އަންނަ މާޗްގައި މިސްރުގައި ބޭއްވުމަށް ރާވާފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެކަން ޖެނެރަލް ސީސީ ވަނީ ހާމަކުރައްވާފަ އެވެ. (އަލްޖަޒީރާ)