އަބޫދަބީ (ޖަނަވަރީ 26): ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝައިޚް ޚަލީފާބިން ޒާޔިދް އާލްނިހްޔާން އަށް ކުރިމަތިވެވަޑައިގެންނެވި ސްޓްރޯކްގެ އާލާސްކަންފުޅަށް ފަހު އޭނާގެ ޙާލުކޮޅު ރަނގަނޅުވަމުން އަންނަކަމަށް އެގައުމުން ބުނެފި އެވެ.

ޔޫއޭއީގެ ރިޔާސަތުންބުނީ ޝައިޚް ޚަލީފާބިން ޒާޔިދް އަށް އިއްޔެ ކުރިމަތިވި ސިކުނޑީގެ ސްޓްރޯކުގެ އާލާސްކަންފުޅާ ގުޅިގެން ކުއްލި ގޮތަކަށް އޭނާ އޮޕަރޭޝަނެއް ކުރައްވާފައިވާ ކަމަށާ އޮޕަރޭޝަނަށް ފަހު ޙާލުކޮޅު ރަނގަނޅުވަމުން އަންނަކަމުގަ އެވެ.

އުމުރުން 65 އަހަރުގެ ޚަލީފާބިން ޒާޔިދް އަކީ ޔޫއޭއީގެ ކުރީގެ ރައީސް ޝައިޚް ޒާޔިދު ބިން ސުލްތާން އާލްނިހްޔާންގެ 19 ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އޭނާ ޔޫއޭއީގެ ރައީސްކަމަށް އިސްވެވަޑައިގެންނެވީ 2004 ވަނައަހަރު އޭނާގެ ބައްޕަ ޝައިޚް ޒާޔިދް ބިން ސުލްތާން އާލްނިހްޔާން އަވަހާރަވުމާ ގުޅިގެންނެވެ.

ޝައިޚް ޚަލީފާއަކީ ޔޫއޭއީގެ ވެރިކަންކުރާ ޝާހީ އާއިލާއާއި އެގައުމުގެ ގަބީލާތަކާ ދެމެދުގައިވާ ގުޅުންތައް ދެމެހެއްޓުމުގެ އިތުރުން އެގުޅުންތައް ހަރުދަނާ ކުރުމަށް ވެސް ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ބޭފުޅެއްކަމުން ޔޫއޭއީގެ ރައްޔިތުންގެ ވަރަށް ބޮޑު ތާއީދަކާއި ގަދަރެއް އޭނާއަށް ލިބިވަޑައިގެންފައިވެ އެވެ.

ޔޫއޭއީގެ މައި ވިޔަފާރި މަރުކަޒުކަމަށްވާ ދުބާއި އަށް 2009 ވަނަ އަހަރު ކުރިމަތިވި ދަރަނީގެ މައްސަލަތައް ޙައްލުކުރުމުގައި ޝައިޚް ޚަލީފާ ކާމިޔާބު ހޯއްދެވުމުން އެގައުމުގެ އިތުރުން ދުނިޔޭގައި ވެސް އޭނާގެ އިތުބާރު ބޮޑުވެގެންދިޔަ އެވެ.

ޝައިޚް ޚަލީފާގެ ޚާރިޖީ ސިޔާސަތު ބިނާވެފައި ވަނީ އެމެރިކާއާއި ސައޫދީ އަރަބިޔާއާއި އަދި އީރާނާ ގުޅުންތައް ދެމެހެއްޓުމުގައި ވަކިކޮޅަކަށް ބުރަނުވެ ތިލަފަތް ހަމަހަމަކުރުމުގެމައްޗަށެވެ. ނަތީޖާއެއްގެ ގޮތުން އީރާނުގެ އިތުބާރުވެސް ޝައިޚް ޚަލީފާގެ ވެރިކަމަށް ވަނީ ލިބިގެން ގޮސްފަ އެވެ. (އަލްޖަޒީރާ)