އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރެއްވުމުގެ ފުރުސަތު އެ ދާއިރާގެ މިހާރުގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރަށް ގެއްލިއްޖެ އެވެ.

މިއަދު ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ހެންވޭރު ދެކުނު ދާއިރާގެ ޓިކެޓް ހާމިދަށް ގެއްލުނީ އޭނާގެ މައްޗަށް ބޮޑު ތަފާތަކުން އެ ދާއިރާގެ ސިޓީ ކައުންސިލަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ކުރި ހޯދެއްވުމުންނެވެ.

ފަސް ބޭފުޅަކު އެ ދާއިރާއަށް ވާދަ ކުރެއްވި ޕްރައިމަރީގައި ރުކުމާއަށް ލިބިވަޑައިގެންނެވީ 328 ވޯޓެވެ. އަދި ހާމިދަށް ލިބިވަޑައިގެންނެވީ 47 ވޯޓެވެ. ރުކުމާއާ އެންމެ ކައިރިން ވާދަ ކުރެއްވީ އަލީ އާރިފެވެ. އޭނާ ވަނީ 193 ވޯޓު ހޯދަވާފަ އެވެ. އެ ދާއިރާއަށް ދެން ވާދަ ކުރެއްވި ދެ ކެންޑިޑޭޓުންގެ ތެރެއިން ޑރ. އައިޝަތު އަލީ ނާޒަށް ލިބިވަޑައިގެންނެވީ 25 ވޯޓެވެ. އިބްރާހިމް ނާޝިދަށް ލިބިވަޑައިގެންނެވީ 24 ވޯޓެވެ.

ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ރުކުމާ ކާމިޔާބު ކުރެއްވުމާ ގުޅިގެން މެމްބަރު ހާމިދު ވަނީ ޓްވިޓާގައި ރުކުމާއަށް މަރުހަބާ ދަންނަވާފަ އެވެ.



ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މަޖިލިސް ޓިކެޓް ހޯދެއްވި ރުކުމާއަކީ އެމްޑީޕީ ޕްރައިމަރީގައި ކެމްޕޭން ހަރަކާތް އެންމެ ވަރުގަދަޔަށް ހިންގެވި އެއް ކެންޑިޑޭޓަށްވާނެ އެވެ. ހެންވޭރު ދެކުނުގައި އެހެން ކެންޑިޑޭޓުން ޕޯސްޓަރުތަކާއި ކެމްޕޭން ޝިއާރުތައް މަގުތަކުގައި ހަރުކުރުމުގައި ކުރީގައި އުޅުނީ ރުކުމާގެ ކެމްޕޭން ޓީމެވެ.