އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުން އިންތިހާބުގައި މާލޭގެ ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓުން ކަށަވަރު ވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގައި މާލޭގެ 10 ދާއިރާއަކަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން ކަށަވަރުވީ މިއަދު މާލޭގައި ބޭއްވި އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގަ އެވެ. ޕްރައިމަރީއަކާ ނުލައި ތިން ބޭފުޅަކަށް ވަނީ އެމްޑީޕީގެ ޓިކެޓް ލިބިފަ އެވެ.

މިއަދު ބޭއްވި އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހެންވޭރު އުތުރު ދާއިރާ އެމްޑީޕީ ޓިކެޓް ހޯދެވީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ. ހެންވޭރު ދެކުނު ދާއިރާ އެމްޑީޕީ ޓިކެޓް ހޯދެއްވީ އެ ދާއިރާގެ ސިޓީ ކައުންސިލަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އެވެ. ރުކުމާ އެ ދާއިރާގެ ޓިކެޓް ހޯދެއްވީ ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ހާމިދު އަބްދުލް ޣަފޫރުގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދެވުމާ އެކުގަ އެވެ.

މައްޗަން ގޮޅީ އުތުރު ދާއިރާގެ އެމްޑީޕީގެ ޓިކެޓް ހޯދެއްވީ މިހާރު ވެސް އެ ދާއިރާގެ މަޖިލިސް މެމްބަރު މާރިޔާ އަހުމަދު ދީދީ އެވެ. އޭނާ އެ ދާއިރާގެ އެމްޑީޕީ ޓިކެޓް ހޯއްދެވީ ޖުޑިޝަލް ސާވީސް ކޮމިޝަނު (ޖޭއެސްސީ)ގެ ކުރީގެ މެންބަރު އަދި އެމްޑީޕީ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމުގައި ވެސް ހުންނެވި އައިޝަތު ވެލެޒިނީއާ ވާދަ ކުރައްވައި ބޮޑު ތަފާތަކުން އޭނާގެ މައްޗަށް ކުރި ހޯދަވައިގެންނެވެ.

ވިލިމާފަންނު ދާއިރާއަށް ވާދަ ކުރެއްވި ތިން ދެ ކެންޑިޑޭޓުނާއި ވާދަކުރައްވައިގެން ކުރި ހޯދެއްވީ އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝެއިހް ހުސައިން ރަޝީދު ހަސަން އެވެ. މާފަންނު ދެކުނު ދާއިރާ ކާމިޔާބު ކުރެއްވީ އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. އަސްލަމަށް އެ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ލިބުނީ އެންމެ ތިން ވޯޓުގެ ތަފާތުންނެވެ. އޭނާއާ އެންމެ ކައިރިން ވާދަ ކުރެއްވީ ރާއްޖެ ޓީވީގެ ނިއުސް ހެޑް އިބްރާހިމް ވަހީދު (އަސްވާޑް) އެވެ. އަސްވާޑަށް ލިބުނީ 134 ވޯޓެވެ. އަސްލަމަށް ލިބިވަޑައިގެންނެވީ 137 ވޯޓެވެ.

މާފަންނު ހުޅަނގު ދާއިރާ ކާމިޔާބު ކުރެއްވީ އެ ދާއިރާގެ ސިޓީ ކައުންސިލަރު އަހްމަދު ފަލާހެވެ. އަދި މާފަންނު މެދު ދާއިރާ ކާމިޔާބު ކުރެއްވީ މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. ގަލޮޅު ދެކުނު ދާއިރާ އެމްޑީޕީގެ ޓިކެޓް ހޯއްދެވީ އެ ދާއިރާގެ ސިޓީ ކައުންސިލަރު އިބްރާހިމް ޝުޖާއު އެވެ. އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އެމްޑީޕީ ޓިކެޓް ހޯދެއްވީ އިބްރާހިމް އިސްމާއިލް (އިބްރާ) އެވެ.

ވާދަވެރިން އެންމެ ބޮޑުވާނެ ކަމަށް ބެލެވުނު ހުޅުހެންވޭރު ދާއިރާގެ އެމްޑީޕީގެ ޓިކެޓް ހޯދެއްވީ އެ ދާއިރާގެ މިހާރުގެ ވެސް މަޖިލިސް މެމްބަރު ރީކޯ މޫސާ މަނިކެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މާގާމު ވެސް ފުރުއްވާ މޫސައާ ވާދަ ކުރެއްވި ކުރީގެ ޔޫތް މިނިސްޓަރު ހަސަން ލަތީފެވެ.

މާލޭގެ އިންތިހާބީ 13 ދާއިރާގެ ތެރެއިން ތިން ދާއިރާއަކަށް ޕްރައިމަރީއަކާ ނުލައި ތިން ކެންޑިޑޭޓަކަށް ވަނީ އެމްޑީޕީގެ މަޖިލިސް ޓިކެޓް ލިބިވަޑައިގެންފަ އެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ. އެ ބޭފުޅުންނަށް ޓިކެޓް ލިބުނީ މަޖިލީހަށް އިންތިހާބުވި ދާއިރާތަކަށެވެ.

http://www.sun.mv/uploads/l_3742262.jpg

މިރޭ ވަނީ އައްޑޫ ސިޓީގެ ދެ ދާއިރާއެއްގެ ވަގުތީ ނަތީޖާ ވެސް އިއުލާންކޮށްފަ އެވެ. އެ ގޮތުން އަލަށް އިތުރުވި ސ. މީދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ހޯދެއްވެވީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. ހުޅުދޫ ދާއިރާ އެމްޑީޕީ ޓިކެޓް ހޯއްދެވީ ހުޅުމީދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބެވެ.

މަހިބަދޫ ދާއިރާ އާއި ކުޅުދުއްފުށީ ދެކުނު ދާއިރާ އާއި ބިލެތްދޫ ދާއިރާގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ ވެސް މިރޭ ވަނީ އިއުލާންކޮށްފަ އެވެ. މަހިބަދޫ ދާއިރާގެ އެމްޑީޕީ މަޖިލިސް ޓިކެޓް ހޯދެއްވީ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު ރުގިއްޔާ މުހައްމަދެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓް ހޯދެއްވެވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަލީ ވަހީދުގެ އަނބިކަނބަލުން އައިޝަތު ލީޝާ އެވެ. އަދި ބިލެތްދޫ ދާއިރާ އެމްޑީޕީ މަޖިލިސް ޓިކެޓް ހޯދެއްވެވީ އެ ދާއިރާގެ މިހާރުގެ ވެސް މަޖިލިސް މެމްބަރު އަހްމަދު ހަމްޒާ އެވެ.

ބައެއް އަތޮޅުތަކުގެ ޕްރައިމަރީގެ ވޯޓުލުން މާލެ އާއި ބައެއް ރަށްތަކުގައި މާދަމާ ވެސް ބާއްވާނެ ކަމަށް އެމްޑީޕީން ވަނީ މިރޭ އިއުލާންކޮށްފަ އެވެ. އަދި ވަގުތީ ނަތީޖާ އިއުލާން ކުރި ދައިރާތަކުގެ ވަގުތީ ނަތީޖާ 72 ގަޑިއިރު ތެރޭގައި އިއުލާން ކުރާނެ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.