25 Jan 2014, 23:22
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ގާނާގެ ފޯވާޑެއް މިއަދު ސޮއިކޮށްފި އެވެ.
ނިއުއަށް މިއަދު ސޮއިކޮށްފައިވަނީ، ތައިލެންޑުގެ ޑިވިޝަން އެކެއްގެ ކްލަބެއް ކަމަށްވާ ޗިއަންގްމާއި އެފްސީ އަށް މިދިޔަ ސީޒަންގައި ކުޅުނު އުމުރުން 25 އަހަރުގެ ފޯވާޑް އިވާން ރުސް މެންސާ އެވެ.
ޗިއަންގްމާއި އަށް 2011 އިން 2013 އަށް އިވާން ކުޅުނު ޖުމުލަ 33 މެޗުގައި އޭނާ ވަނީ 22 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފަ އެވެ. އަދި އޭގެ ކުރިން ތައިލެންޑުގެ ޕްރިމިއާ ލީގު ކްލަބެއް ކަމަށްވާ އޮސޮޓްސްޕާއަށް 2009 އިން 2011 އާހަމައަށް އޭނާ ކުޅުނު 43 މެޗުގައި 28 ލަނޑު ކާމިޔާބުކޮށްދީފައި ވެއެވެ.
ތައިލެންޑް ޕްރިމިއާ ލީގުގެ އިތުރުން އިވާން ވަނީ ގާނާގެ ޕްރިމިއާ ލީގު ކްލަބެއް ކަމަށްވާ އޮކްވާހޫ ޔުނައިޓެޑަށް ވެސް ކުޅެފަ އެވެ. އެގޮތުން 2007 އިން 2008 އަށް އެ ކްލަބަށް އޭނާ ކުޅުނު 26 މެޗުން 19 ލަނޑު ކާމިޔާބުކޮށްފައި ވެއެވެ.
ނިއު އަށް ކުރިން ގެންނަން ހަމަޖަހިފައި އޮތް ބްރެޒިލް ފޯވާޑް ޖޯލްޓަން ޖޮނަތަން ސަމްޕާއިއޯ (ޖޯ) އަށް ކުރިމަތިވި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުމުގެ ސަބަބުން އޭނާ ކުޅުމާ ދުރަށްދާން މަޖުބޫރުވުމުން ނިއު އިން ވަނީ އެ ކުޅުންތެރިޔާއާ އެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފަ އެވެ.
ނިއުގެ ބޯޑު މެންބަރު އަހްމަދު ޒަރީރު (ޒައްރެ) "ސަން" އަށް މިރޭ ވިދާޅުވީ، "ކްލަބާ އަލަށް ގުޅުނު ގާނާ ފޯވާޑް، މިހަފްތާ ތެރޭގައި ޕްރެކްޓިސްގައި ބައިވެރިވާނޭ ކަމަށް ބެލެވޭ" ކަމަށެވެ.
ދިވެހި ލީގާއި، ޕްރެޒިޑެންޓް ކަޕް މިލްކުކުރާށާއި އަދި އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުމުގެ އަޒުމުގައި ނިއު އިން މި ފެށޭ ސީޒަނާ ކުރިމަތިލާއިރު އެ ކްލަބުން ވަނީ، ސްޕެއިންގެ ކޯޗެއްކަމަށްވާ ޕެރޭޒް ގާސިއާގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ފަށައިފަ އެވެ.
ނިއު އަށް މިފަހަރު އަލަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި ނިމިދިޔަ ސީޒަނުގައި ބީޖީއަށް ކުޅުނު ތަޖްރިބާކާރު ފޯވާޑް އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި މުހުތާރު ނަސީރު (ޓޫކިލޯ) އަދި މާޒިޔާއަށް ކުޅުނު ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) ހިމެނެ އެވެ.