މާލޭގައި ބިދޭސީއެއްގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިރޭ 7:20 ހާއިރު ކަމަށެވެ. އެމީހާ ގަޔަށް ވަޅި ހަރާފައި ވަނީ ބުރުޒު މަގުގައި ހުންނަ އެޕޯލޯ އާނުވެލި ފިހާރަ ކައިރިން ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ އަށް މާބޮޑެތި ޒަޚަމްތަކެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ސަންއާ ވާހަކަ ދައްކަމުން ހާދިސާ ހިނގި ސަރަހައްދުގައި ހުރި މީހަކު ބުނީ އެމީހާ އަކީ ލިލީ އިންޓަނޭޝަނަލްގެ ލޮރީ ޑްރައިވަރަކަށް އުޅޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ.

އެމީހާ ބުނީ ތިން މީހުންގެ ގްރޫޕަކުން ބިދޭސީ މީހާ އަށް ވަޅިން ހަމަލާދިނުމަށްފަހު އޭނާގެ ވޮލެޓްގައި ހުރި ފައިސާތަކާއި މޯބައިލް ފޯނުވެސް ފޭރިގެންފައިވާ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.